މަސްވެރިންނަށް ފައިސާ ނުދީއެއް ނޯންނާނެ، ބައެއް ފަހަރު ޑިލޭވާ މައްސަލަ ހައްލުވާނެ: ފައުޒީ

މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާއެއް ނުދީ ނޯންނާނެ ކަމަށާއި، ބައެއް ފަހަރު ބައެއް ސަބަބުތަކާހުރެ ފައިސާ ފޮނުވުމުގައި ޑިލޭ ވާ މައްސަލަ ދިމާވާ ކަމަށާއި އެމައްސަލަ ކުރިއަށް އޮތްތަނުގައި ހައްލު ކުރާނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
މިއަދު "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ފައުޒީ ވިދާޅުވީ، މިހާރުވެސް މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ހުރި މަސްވެރިންގެ ހުރިހާ ބިލަކަށް ފައިސާ ދައްކާ ހަލާސް ކޮށްފައިވާ ކަމަށެވެ.
އަދި މިމަހުގެ 12 ވަނަ ދުވަހުންފެށިގެން މިއަދާ ހަމަށްހުރި ބިލުތަކަށް ފައިސާ ފޮނުވުގެ ކަންތައް މިހާރުވެސް ކުރަމުންދާ ކަަމަށާއި އިރާދަ ކުރެއްވިއްޔާ މިރޭ ސްޓޭޝަންތަކަށް ފައިސާ ފޮނުވޭވަރުވާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
"އެގާރަވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ވާނީ ހުރިހާ ބިލަކަށް ފައިސާ ދީފަ. ދެން ބާރަވަނަ ދުވަހުންފެށިގެން މިދިޔަ އަށްދުވަހުގެ ފައިސާ، 17 ވަރަކަށް މިލިޔަން ރުފިޔާ މި ފޮނުވަނީ އިރާދަ ކުރެއްވިއްޔާ. މިރޭން ފެށިގެން ވެސް ސައިޓްތަކުންލާރި ލިބޭނެ، ކޫއްޑޫއަށް މިރޭވެސް ލާރި ލިބޭނެ. އޭރުން ކޫއްޑޫއިން ބަނދަރުތަކަށް ދާ އުޅަނދު ފަހަރަށްވެސްފައިސާ ލިބޭނެ،" އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބައެއް ފަހަރު ފައިސާ ފޮނުވުމުގައި ޑިލޭ ވާން ދިމާވަނީ އެހާގިނަ ފައިސާ މަތިން އުފުލުމަށާއި އެހެނިހެން ބައެއް ދަތިތައް ދިމާވާތީ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެކަން ހައްލުކޮށް ސަރުކާރުގެ އެހީތެރިކަމާއެކު ފައިސާ ދީފައި މަސްވެރިންގެ އަތުން މަސް ގަނެވޭނެއުސޫލް ހަމަޖެހިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
"މަސްވެރިންނަށް އަޅުގަނޑު ޔަގީންކަންދެން ކުރިއަށްއޮތް ތަނުގައި ސަރުކާރުގެ އެހީތެރިކަމާއެކީ ފައިސާ ދީފަ މަސްވެރިންގެ އަތުން މަސް ގަނެވިގެންދާނެކަމަށް،" ފައުޒީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަހުގެ އަގުތައް ކިތަންމެ ވަރަކަށް ދަށަށްދިޔަ ނަމަވެސް މިފްކޯއަށް މަސްގަންނަމުންދަނީ އަގަށް ބަދަލު ނުގެނެސް 7 އަހަރު ކުރިއްސުރެ މަސްވެރިންނަށް ދެމުން އަންނަ ހަމަ އަގުގައި ކަމަށެވެ.
އަދި މަސް ޕްރޮސެސް ކުރުމާއި މަސައްކަތުގެ ހަރަދު ތަކަށާއި، މާކެޓްގައި މަހުގެއަގު ހުރި މިންވަރަށްބަލާއިރު އެއީ މިފްކޯއަށް ގެއްލުންވަމުންދާ އަގެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައިވެސް މސްވެރިންނަށް ހަމައަގު ދެމުންގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ އަހަރު މިފްކޯއަށް ބާރު ބޮޑުވެ މަސް ނުގަނެވުމުގެ ސަބަުން ބައެއް މަސްވެރިންނަށް މަސްތައް އުކާލަންޖެހޭ ހާލަތު ކުރިމަތިވިކަން ފާހަގަ ކުރައްވައި ފައުޒީ ވިދާޅުވީ، މިހާރު މިފްކޯއިން އެ މައްސަލަ ހައްލު ކޮށްފައިވާ ކަަމަށެވެ. އެގޮތުން މިހާރު މަސްވެރިން ކިތަންމެ މަހެއް ކިރުވަން އަޔަސް އެ ހުރިހާ މަހެއް ކިރުވުމުގެ ކެޕޭސިޓީ މިފްކޯގައި ގާއިމް ކޮށްފައިވާ ކަމަށާއި، މިފްކޯ އޮތީ މަސްވެރިންނާއެކު ކުރިއަށް ދިއުމަށް ކަމަށްވެސަ ވިދާޅުވިއެވެ.
"މިދިޔަ އަހަރު މަސްއުކައިލުމަށް ދިމާވި މައްސަލަ ހައްލުކޮށްގެން، ކިތަންމެ ބައިވަރު މަސް ގެނަޔަސް ގަންނަން ތައްޔާރުވެގެން މިފްކޯ މިއޮތީ، އެހެންކަމުން މަސް ކިރުވުމަށް ދަތިތައް ދިމާނުވާގޮތަށް މިފްކޯ މިއޮތީ މަސްވެރިންނާއެކު ކުރިއަށްދާން،" ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ، މަސްބޯޓު ތަކުުގައި ހުރި ކެޕޭސީޓީއަށް ބަލައި މަސްވެރި އުޅަނދު ފަހަކަށް މިފްކޯއިން ތެޔޮ ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މަސްވެރި އުޅަނދު ފަހަރުގައި ކެޕޭސިޓީ ހުރިވަރަށް މިފްކޯގެ ސްޓޭޝަން ތަކުންނާއި މަސް ކިރުވާ ބޮޑެތި ބޯޓް ފަހަރުން ތެޔޮ ލިބޭނެ ކަމަށްވެސް ވިދާާޅުވިއެވެ.
"އަޅުގަނޑުމެންގެ ކަލެކްޓަރ ބޯޓު ތަކަކީ ތަންކޮޅެއް ކުދި ބޯޓުފަހަރު، އެއީ 25 ނުވަތަ 40 ޓަނުގެ ބޯޓު ފަހަރު، ނަމަވެސް ބައެއް މަސްވެރި އުޅަނދު ފަހަރަށް އެބަ ބޭނުންވޭ 2000 ލީޓަރު ތެޔޮ، އެހެންވީމާ އެ ބޯޓު ފަހަރުގެ ކެޕޭސިޓީ ހުރިވަރަކުން ދޯނިފަހަރަށްވެސް ތެޔޮ ވިއްކަމުން މިދަނީ. ދެން އުޅަނދު ފަހަރުގެ ކެޕޭސިޓީ ހުރިވަރަކަށް ކޫއްޑޫ އާއި ފެލިވަރުން ތެޔޮ ލިބޭނެ،" ފައުޒީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ