އިންޑިއާގެ އިމާރާތެއްގައި ރޯވެ 17 ކުދިން މަރުވެއްޖެ

އިންޑިއާގެ ގުޖަރާތުގެ ސޫރަތު ސިޓީގެ އިމާރާތެއްގައި ކިޔަވާދޭން ބޭނުން ކުރާ ސެންޓަރެއްގައި އަލިފާން ރޯވެ މިހާތަނަށް 17 ކުދިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
އެ ހާދިސާގެ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި ވިޔަފާރީގެ މައި ސަރަހައްދެއްގައި ހުންނަ ހަތަރު ބުރީގެ ތަކްޝަޝީލާ އިމާރާތުގެ އެންމެ މަތީ ދެ ބުރީގައި ރޯވެ އޮލަ ދުންތައް އަރަމުން ދިޔަ އިރު ރޯވެފައިވާ އެ އިމާރާތުގައި ތާށިވެފައި ތިބި މީހުން އަލިފާނުން ސަލާމަތްވާން ފުންމާލާ މަންޒަރު ފެނެ އެެވެ.
ބައެއް މީހުން ވެއްޓެން ދިޔައިރު މަގުގައި ދަމާފަހުރި ބެނާތަކުގައި ހިފަން މަސައްކަތް ކޮށްފައި ވެެއެވެ.
މަރުވި މީހުންގެ ތެރޭގައި ގިނައީ 20 އަހަރު ވެސް ނުވާ ކިޔަވާ ކުދިން ކަމަށާއި އިތުރު އެތައް ކުދިންނެއްގެ ގައިގަ އަލިފާން ރޯވުމުގެ ސަބަބުން ފިހި އަނިޔާވެފައިވާ ކަމަށް ގުޖަރާތުގެ ޗީފް މިނިސްޓަރުގެ އޮފީހުން ވާހަކަ ދެއްކެވި ތަރުޖަމާނު ވިދާޅުވި އެވެ.
އަލިފާން ރޯވީ އިމާރާތުގެ ސިޑި ކައިރީގައި ކަމަށް ވުމުން މީހުންނަށް ތިރިއަށް ފޭބޭނެ ގޮތެއް ނުވީ އެވެ. އަލިފާންގަނޑު ނިވާލެވުނީ އަލިފާން ނިވާ 24 ލޮރީއެއްގެ އެހީގަ އެވެ. އެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބު ތަހުގީގު ކުރުމަށް ގުޖަރާޓުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ ވަނީ އަމުރެއްނެރުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ