ރައްޔިތުން އެދޭ ގޮތަށް ބަނދަރު ހަދަން ބުނުމުން މަސައްކަތް ކުރިއަކަށް ނުދޭ: ދަނބިދޫ ކައުންސިލް

ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުން ޝަކުވާކުރުމުން ލ. ދަނބިދޫގައި މުޅިން އަލަށް ހެދި ފެށި ބަނދަރުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ދަނބިދޫ ކައުންސިލުން ބުނެފިއެވެ.
ވީނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ދަނބިދޫ ކައުންސިލްގެ ރައީސް ހުސައިން އަޝްރަފް ވިދާޅުވީ ދަނބިދޫ ބަނދަރު ހެދުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓިފައިވަނީ ބަނދަރު ހެދުމުގެ މަސައްކަތް ފެށިއިރު ބަނދަރުގެ ނެރުފައި ކަށި ނުހަދާތީ ރައްޔިތުން ހިތްހަމަނުޖެހުމުން ކަމަށެވެ. އެހެންކަމުން ނެރު ފައިކަށި ހިމަނައިގެން ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުން އެދުމުން ބަނދަރު ހެދުމަށް ދީފައިވާ ކުރެހުމުގައި ނެރުފައިކަށި ނެތް ކަމަށް ބުނެ ބަނދަރުގެ މަސައްކަތް ކުރަމުން ގެންދާ ކުންފުނި، އެމްޓީސީސީން އެމަސައްކަތް ހުއްޓާލީ ކަމަށްވެސް ވިދާޅުވި،،
"ރައްޔިތުން މިއެދެނީ ބަނދަރުގެ ނެރު ފައިކަށި ހިމަނައިދޭށޭ. ހަގީގަތުގައި ބަނދަރެއްގެ ބޭނުމަކީ ކޮބައިތޯ ނެރުފައިކަށި ނުހަދާނަމަ. ރައްޔިތުން މިކަމަށް އެދެނިކޮށް މިމަޝްރޫއު ހުއްޓާލަން ނުވަތަ މަޑުޖައްސާލަން ޖެހޭ ސަބަބެއް ނުވިސްނޭ،" ހުސައިން ވިދާޅުވި އެވެ.
އާބާދީގައި 1050 މީހުން ދިރިއުޅޭ ދަނބިދޫގައި ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރު ކަމަށާއި، އޭރުވެސް ނެރުފައިކަށި ހަދައިދިނުމަށް ރައްޔިތުން އޭރުގެ ސަރުކާރުގައި އެދުނު ކަމަށްވެސް ހުސައިން ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ހުސައިން އިތުރަށް ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ކެމްޕޭންގައި ދަނބިދޫއަށް ވަޑައިގެން ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މިސަރުކާރު ވެރިކަމަށް އައުމާ އެކު ދަނބިދޫ ރައްޔިތުން އެދޭ ގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށް ޕުލޭނިން މިނިސްޓްރީގައި އެދުމުން ބަޖެޓް ނެތް ކަމަށް އޭރު ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު ފުއްދަވާ ދެއްވުމަށް އެދިފައިވާނެ ކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފައެވެ.
އެމްޓީސީސީ އާއި ހަވާލުކޮށްގެން ދަނބިދޫގައި ހަދަމުންދާ ބަދަރަކީ 500 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ