ރާއްޖޭގެ ހަ ދަރިވަރަކު އިންޑިއާގެ ކަލްޗަރަލް ފެސްޓިވަލެއްގައި ބައިވެރިވެއްޖެ

އިންޑިއާގައި ކުރިއަށްދިޔަ ވެއްލޯރ އިންޓަނޭޝަނަލް ކަލްޗަރަލް ފެސްޓިވަލްގައި ރާއްޖޭގެ އެކި ޔުނިވާސިޓީތަކުން ހަ ދަރިވަރަކު ބައިވެރިވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ އެ ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިވި ދަރިވަރުން މާލެ އައިސްފައިވަނީ މިއަދެވެ.
އެ ހަ ދަރިވަރުން އެ ފެސްޓިވަލްގައި ބައިވެރިވެފައިވަނީ ދިވެހިރާއްޖެއާއި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ-މޯލްޑިވްސް (ފެއިމް) ތަމްސީލްކުރުމުގެ ގޮތުންނެވެ.
އެގޮތުން އެ ހަ ދަރިވަރުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ދެ ދަރިވަރުންނާއި ވިލާ ކޮލެޖުގެ ދެ ދަރިވަރުންގެ އިތުރުން އެމްއައި ކޮލެޖުގެ ދެ ދަރިވަރުން ހިމެނެއެވެ.
އެ ފެސްޓިވަލަކީ ވެއްލޯރ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (ވީއައިޓީ)ގެ ފަރާތުން ކޮންމެ އަހަރަކު އެކި ގައުމުތަކުގެ ދަރިވަރުން ބައިވެރިކޮށްގެން އެ އިންސްޓިޓިއުޓްގެ ފަރާތުން ބާއްވާ ވަރަށް ބޮޑު ކަލްޗުރަލް ފެސްޓިވަލްއެކެވެ. އެ ފެސްޓިވަލްގައި މިއަހަރު ގާތްގަނޑައަކަށް 25 އަށްވުރެ ގިނަ ގައުމަކުން ވަނީ ބައިވެރިވެފައެވެ.
އެ ފެސްޓިވަލްގެ ސަބަބުން އެކި ގައުމުތަކުގެ މީހުންނާ ބައްދަލުވެ ރަހުމަތްތެރިވުމުގެ އިތުރުން އެކިގައުމުތަކުގެ ސަގާފަތް ދަސްވެ ރާއްޖޭގެ ސަގާފަތް އިތުރަށް ކުރިއަރުވާނެގޮތާއި އެކި ހުނަރުތަކާއި ވަރަށްގިނަ މައުލޫމާތުތައް މިފެސްޓިވަލްގެ ސަބަބުން ލިބިގެންދިޔަ ކަމަށް ރާއްޖޭން ބައިވެރިވި ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ