ރައީސް ޔާމީން ވެސް އަދި އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާ: ޕީޖީ ބިޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް އަދި އެއްވެސް އެހެން ފަރާތަކުން ވެސް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމަށް ޕީޖީ ބިޝާން ވަނީ ހާޒިރު ކުރައްވާފަ އެވެ. އެގޮތުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ބިޝާމް ވިދާޅުވީ އޭނާ ދައުވާތައް ކޮށްފައިވާނީ، ޕީޖީގެ ގާނޫނުން އެކަމަނާއަށް ލިބިދޭ ބާރުގެ ދަށުން، ތަހުގީގު އިދާރާތަކުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރަން ފޮނުވާފައިވާ މައްސަލަތައް ރަނގަޅަށް ދިރާސާ ކުރުމަށްފަހު، ދައުވާ ކުރަން ފެނިއްޖެ ހިނދެއްގައި ކަމަށެވެ. އެކަމުގެ އެއްވެސް މީހެއްގެ ނުފޫޒެއް އޭނާގެ މައްޗަށް ފޯރާފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު މަޖިލީހަށް ވަތް މައްސަލާގައި ދައުވާ ކޮށްފައިވާތީ، އެ 12 މެމްބަރުންގެ ތެރޭގައި ވެސް ހިމެނޭ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ސުވާލުގެ ޖަވާބުގައިވެސް ބިޝާމު ވިދާޅުވީ އެ ދައުވާ ކުރީ އެލެކްޝަންސް ކޮމިޝަނުން މެމްބަރުން ނޫންކަމަށް ކަނޑާއަޅާފައިވާ މެމްބަރުންތަކަކާއެކު މަޖިލީހަށް ވަންކަމަށްބުނާ މައްސަލާގައި އެ 12 މެމްބަރުންގެ މައްޗަށް ދައުވާ ކުރެއްވީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، އަދި އެ 12 މެމްބަރުންގެ މައްސަލަ އަނބުރާ ނެންގެވީ، މެމްބަރުން ނޫންކަމަށް ކަނޑަޅާފައިވާ މެމްބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމުމުން އަނބުރާ އެ 12 މެމްބަރުންގެ މައްސަލަވެސް ނެންގެވީ ކަމަށް ބިޝާމް ވިދާޅުވި އެވެ.
އެ ބާރަ މެމްބަރުންގެ ތެރޭގައި މެމްބަރު އަލީ ހުސައިންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފަދަ ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ.
ބިސާމް ވިދާޅުވީ ސިޔާސީ ބޭނުމަކަށް ނުވަތަ އެއްވެސް ނުފޫޒަކުން އެއްވެސް ތަހުގީގެއް ހިންގުމަށް ނުވަތަ ނުހިންގުމަށް އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށާއި، އަދި އެކަމަނާގެ އޮފީހުގެ ޕްރޮސެކިއުޓާރުންނަށް ވެސް އެފަދަ ނުފޫޒެއް ބޭނުންކުރައްވާ ވަކި މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ކުރަން އަންގާފައި ނުވާނެ ކަމަށެވެ. އަދި ޕީޖީ އޮފީހުން ގިނަ ކަންކަން ނިންމަނީ ޕްރޮސެކިއުޓަރުން މަޝްވަރާ ކުރުމަށްފަހުގަ ކަމަށާއި ހާއްސަކޮށް ބޮޑެތި މައްސަލަތަކުގައި އެގޮތަށް އަމަލު ކުރައްވާ ކަމަށްވެސް ބިޝާމް ވިދާޅުވި އެވެ.
ބިޝާމް ވިދާޅުވީ އެކަމަނާ މަގާމާ ހަވާލުވިއިރު، އެ އޮފީހުން ވަރަށް ގިނަ މައްސަލަތައް ފުނިޖެހިފައިވާ ކަމަށާއި ވާނުވާ ނޭނގޭ އެތައް މައްސަލަތަކެއް ހުރި ކަމަށެވެ. އަދި އޭނާ މަގާމާ ހަވާލުވީ 2015 ވަނަ އަހަރުކަމުން، އެ އަހަރަކީ ޕީޖީ އޮފީހަށް މިހާތަނަށް އެންމެ ގިނަ މައްސަލަ ހުށަހެޅިގެން ދިޔަ އަހަރު ކަމަށެވެ. އެހެންކަމުން "ވޯކްލޯޑް" ވަރަށް ބޮޑުވެގެން ދިޔަ ކަމަށްވެސް ބިޝާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ