ޕީއެންސީގެ ލީޑާޝިޕާ ރައީސް ޔާމީން ބައްދަލު ކުރައްވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑާޝިޕާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބައްދަލު ކުރައްވައިފި އެވެ. އިއްޔެ ބޭއްވި ޕީއެންސީގެ ކޮންގްރެސް އިން އިންތިހާބުވި ލީޑާޝިޕާ ޔާމީން މިއަދު ބައްދަލުކުރެއްވީ ޕީއެންސީ އަދި ޕީޕީއެމްގެ އޮފީސް ހިންގާ، ހ.ހުރަފައިގަ އެވެ. ޕީއެންސީގެ ކޮންގްރެސްގެ ކަންތައް ބަލަހައްޓާފައިވަނީ ޕީޕީއެމް އިންނެވެ. އެޕާޓީގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހޮވާފައިވާއިރު ހަތަރު ނައިބު ރައީސުންނަށް އިންތިހާބުކޮށްފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ސައީދާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ކުރީގެ ލަންކާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ. ކޮންގްރެސް ޕާޓީ އުފެއްދީ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އެވެ. އޭރު ޕީޕީއެމްގެ މައްސަލަ ކޯޓުގައި އޮތުމުން ޕާޓީ ގެއްލިދާނެ ކަމަށް އުފެއްދެވި ޕާޓީ އާ ޔާމީން ގުޅިވަޑައި ނުގަތީ، ޕީޕީއެމްގެ މައްސަލަ ޔާމީން އާއި އެއްކޮޅަށް ނިމުމުންނެވެ. އިއްޔެ ބޭއްވި ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ބާއްވާ ހަފްލާގައިވެސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ