ކެމްޕޭނަށް ރައީސް ޔާމީން ކޮމަންޑޫއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެންފި އެވެ.
ފަތުހީގެ ކެމްޕޭނަށް ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމަށްވާ ފޯކައިދޫ، މަރޮށި އަދި ކޮމަންޑޫއަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި ކޮމަންޑޫއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ރަށުގެ ބަނދަރު ސަރަހައްދުގައި ފަތުހީގެ ކެންޕެއިން ޖަލްސާއެއް ބާއްވާފައިވެއެވެ.
މީގެ އިތުރުން ތިން ރަށުގެ ގޭގެެއަށް ޒިޔާރަތްކޮށް ފަތުހީއަށް ތާއީދު އިތުރު ކުރުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
މޫސާ ފަތުހީ އަކީ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ. ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރިން ކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަންވެސް ކުރައްވާފައިވެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު ކޮމަންޑޫ ދާއިރާގެ ގޮނޑި އޭރު އެމްޑީޕީއަށް ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް 332 ވޯޓްގެ ބޮޑު ތަފާތަކުން ބަލިކުރުމަށްފަހު އެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ