ސްކޫލު ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށައިފި

ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމް ސްކޫލްތަކުގައި މިއަދު ފަށައިފި އެވެ.
ސަރުކާރުން ނިންމާފައިވަނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ދޭށެވެ. ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ގާތްގަނޑަކަށް 40000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖެހޭނެ އެވެ.
މި ވެކްސިން މިއަދުން ފެށިގެން މާލެއާއި އަތޮޅުތަކުގައި ޖަހަން ފަށާނެކަމަށް އެޗްޕީއޭއިން ބުނެ އެވެ. ފައިޒާ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ ފަސް ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖަހަން ވަނީ ނިންމާފަ އެވެ.
ސްކޫލްތަކުގެ ވެކްސިން ޕްރޮގްރާމް މިއަދު ކުރިއަށްދާއިރު ވެކްސިން އެންމެ ފުރަތަމަ ޖަހަން ފަށާފައި ވަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގެ ދަރިވަރުންނަށެވެ. އެކުދިން ވެކްސިން ޖަހަމުން ދަނީ ރެހެންދީ ސްކޫލް ވެކްސިން ސެންޓަރުގަ އެވެ.
ރެހެންދި ސްކޫލެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ އަވަސް އަށް ވިދާޅުވީ ދަރިވަރުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގަމުންދާނެ އެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށްވެސް ވެކްސިން ޖަހާ ނިންމާލުމަކީ އަމާޒު ކަމަށް އެޑިޔުކޭޝަނުން ބުނެ އެވެ.
މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެކްސިން ދިނުމަށްފަހު، މިއަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ އެވެ.
ދަރިވަރުން ވެކްސިން ޖަހަން ގޮސް ކިއުއެއްގައި ޖެހެން ނުޖެހޭނެ ކަމަށާއި ދަރިވަރުން ވެކްސިން ޖަހަން ދާނީ އެ ދަރިވަރަކަށް ދީފައިވާ ވަގުތެއްގަ އެވެ. އެގޮތުން 30 މިނެޓްގެ ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެއާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިބޭނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ދަރިވަރުންދާއިރު، ރަނގަޅަން ކައިގެން ދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ