ފަސްސަތޭކައަށް ވުރެ ގިނަ ޞަފްޙާއާއެކު ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފްކުރި މައްސަލަ ތާރީޚްގެ ތެރެއަށް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިން ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުން ސާބިތުވާކަމަށް ނިންމުމުން އެނިންމުމާއިމެދު ހިތްހަމަނުޖެހިގެން ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓްގައި އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓްގައި ފަސްސަތޭކަ ސާޅީހަށްވުރެ ގިނަ ޞަފްހާ ހިމެނޭކަމަށް އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޙުސައިން މަޒީދު ވިދާޅުވެއްޖެއެވެ.
އެމައްސަލާގައި ޙުކުމްކުރުމަށް މިއަދު ބޭއްވުނު އަޑުއެހުން ނިންމާލުމުގެ ގޮތުން ފަނޑިޔާރުންގެ އަޤްލަބިއްޔަތު ރައުޔު އިއްވަމުން ފަނޑިޔާރު މަޒީދު އިތުރަށް ވިދާޅުވިގޮތުގައި މިމައްސަލާގައި ދަޢުވާކުރާ ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވި 75 އިސްތިއުނާފީ ނުކުތާއަށް ޝަރީޢަތުން ފައިސަލާކޮށް ނިންމިގޮތް މައްސަލައިގެ ރިޕޯޓްގައި ހިމެނޭނެކަމަށާއި، އެ ރިޕޯޓަކީ މައްސަލަ ނިމުމާއިއެކު ދަޢުވާކުރާ ފަރާތަށާއި އަދި ދައުވާލިބޭ ފަރާތަށް ޙަވާލުކުރެވޭނެ އަދި ހައިކޯޓްގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެ ރިޕޯޓަކަށް ވާތީ ހުރިހާ ނުކުތާއެއް ޝަރީޢަތުގެ މަޖިލީހުގައި އިއްވުމުގެ ޟަރޫރަތެއް ނެތްކަމަށް ޤަބޫލު ކުރެވޭކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ލިޔެވިފައިވާ ތާރީޚްގައި މިހާތަނަށް ފަނޑިޔާރުގެއަކުން ނުވަތަ ޝަރުއީ ކޯޓަކުން އެއްވެސް ކަހަލަ މައްސަލައެއް ބަލައި ނިންމުމަށްފަހު އެކުލަވާލެވުނު އެއްވެސް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓެއްގައި މިހާ ގިނަ ޞަފްޙާ ހިމެނޭކަމެއް އެނގޭކަށް ނެތެވެ. އެހެންކަމުން މިއީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމްގެ ރެކޯޑެކެވެ. އެއާއިއެކު ހައިކޯޓުން މިއަދު ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރި ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓް ތާރީޚްގެ ތެރެއަށް ވަދެގެން ދާނެއެވެ.
ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފްގެ މައްސަލައިގެ އަޤްލަބިއްޔަތު ރަޢުޔަށް ބިނާކޮށް އިއްވި ޙުކުމުގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގ ކުށުގެ ދަޢުވާ ސާބިތުކޮށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމާއިއެކު ފަސްމިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ޙުކުމްކުރި ޤަޟިއްޔާ ބާޠިލްކުރާނެތަނެއް ނެތްކަމަށް ކަނޑައަޅައި އެޙުކުމަށް ތާޢީދު ކުރައްވާފައިވެއެވެ. އެ ނިންމުމަށް ފަނޑިޔާރު ޙުސައިން މަޒީދުއާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް ތާޢީދު ކުރެއްވި އިރު، ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު އެބޭފުޅުންނާއި ތަފާތެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ތަފާތުވި ރައުޔުގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހިންގި ޝަރީޢަތުގައި ބޮޑެތި އިޖުރާއީ އަދި މައުޟޫއީ ގޯސްތަކެއް ހަދާފައިވާކަން ފާހަގަކޮށް، ކްރިމިނަލް ކޯޓްގެ ޙުކުމް ބާޠިލްކުރަންޖެހޭކަމަށް ކަނޑައަޅުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ