ވެލާނާ އެއާޕޯޓު "ހިލޭ" އެޅެން އޮތް: ނަޝީދު

ކުރީގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާއިރު، އެ ލޯނުތަކަށް އަންނަ އަހަރު ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހޭ ކަމަށާއި، ނަމަވެސް އެ އެއާޕޯޓަކީ ހިލޭ އެޅެން އޮތް ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިހާރު ތަޅުމުގައި ކުރިއަށްދާ ބަހުސްގެ ތެރެއިން، ހެނދުނުގެ ސައި ގަޑިއަށް މެދުކަނޑާލުމުގެ ކުރިން ނަޝީދު ވަނީ ބަޖެޓުގައި ވެގެން އުޅޭ ގޮތް މެމްބަރުންނަށް ސާފުކޮށްދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައި އެވެ.
އެއާއެކު އެމަނިކުފާނު ވަނީ، އަންނަ އަހަރު ސަރުކާރުން އަނބުރާ ދައްކަންޖެހިފައިވާ ލޯނުތަކުގެ އަދަދުތަކުގެ ދިގު ލިސްޓެއް މަޖިލީހުގެ ތަޅުމަށް އިއްވައި ދެއްވައިފަ އެވެ.
އަންނަ އަހަރު އަނބުރާ ދައްކަންޖެހޭ ލިސްޓު
ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގު ހަދަން: 3.4 މިލިއަން އެމެރިކާ ޑޮލަރުސްޓެލްކޯ ފިފްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް: 6.2 މިލިއަން އެމެރިކާ ޑޮލަރުހުޅުމާލެ 7،000 ހައުސިން ޔުނިޓަށް: 21.7 މިލިއަން އެމެރިކާ ޑޮލަރުހުޅުމާލެ 1،530 ހައުސިން ޔުނިޓަށް: 15.29 މިލިއަން އެމެރިކާ ޑޮލަރުއިރުފެން އައިލެންޑް ރިސޯޓު ތަރައްގީކުރަން: 12.75 މިލިއަން އެމެރިކާ ޑޮލަރުހުޅުމާލެ 7،000 ހައުސިން ޔުނިޓަށް: 28.3 މިލިއަން އެމެރިކާ ޑޮލަރުހުޅުމާލެ ދެވަނަ ފިޔަވަހީގެ އިލެކްޓްރިސިޓީ ނެޓްވާކް ޕްރޮޖެކްޓަށް: 6.3 މިލިއަން އެމެރިކާ ޑޮލަރު ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލަށް: 4.5 މިލިއަން އެމެރިކާ ޑޮލަރު2،500 ހައުސިން ޔުނިޓަށް: 6.6 މިލިއަން އެމެރިކާ ޑޮލަރުހުޅުމާލެ ދެވަނަ ފިޔަވަހީގެ އިލެކްޓްރިސިޓީ ނެޓްވާކް ޕްރޮޖެކްޓަށް: 4.2 މިލިއަން އެމެރިކާ ޑޮލަރުޑިވެލޮޕްމަންޓް އޮފް ހުޅުމާލެ އައިލެންޑް: 15 މިލިއަން އެމެރިކާ ޑޮލަރުވީއައިއޭ ތަރައްގީކުރާ މަޝްރޫއުއަށް: 24.9 މިލިއަން އެމެރިކާ ޑޮލަރުހުޅުމާލެ ބްރިޖަށް: 30.3 މިލިއަން އެމެރިކާ ޑޮލަރުވީއައިއޭ ތަރައްގީކުރާ މަޝްރޫއުއަށް: 3.5 މިލިއަން އެމެރިކާ ޑޮލަރުވީއައިއޭ ތަރައްގީކުރާ މަޝްރޫއުއަށް: 15.3 މިލިއަން އެމެރިކާ ޑޮލަރު
ނަޝީދު ވިދާޅުވެ ދެއްވި ލިސްޓުގައިވާ ގޮތުންނަމަ، އަންނަ އަހަރު ދައުލަތުން ގާތްގަނޑަކަށް 200 މިލިއަން އެމެރިކާ ޑޮލަރު އަނބުރާ ދައްކަންޖެހެ އެވެ. އަދި އޭގެ ތެރެއިން ގިނަ ލޯނުތަކަށް ދައްކަންޖެހިފައިވަނީ، އެމަނިކުފާނު ތަކުރާރުކޮށް ކަންބޮޑުވުންފާޅު ކުރައްވާފައިވާ ޗައިނާގެ އެކި ބޭންކު ތަކަށެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އެއީ ހިލޭ އެޅެން އޮތް ތަނެއްކަން، ވެލާނާ އެ ކިޔާ އިންޓަނޭޝަނަލް އެއާޕޯޓު. 25 އަހަރު ދުވަހުގެ މުއްދަތަށް ބަޔަކު މީހުން އަޅާފައި ހިންގާފައި، އަޅާފައި އަޅުގަނޑުމެންނަށް ދީފައި މިހާރު ދާހާ ދުވަސް މިވީ،" ނަޝީދު ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ނަޝީދު މިއަދު އެ އިޝާރާތް ކުރެއްވީ، އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށްގެން އެތަން ތަރައްގީ ކުރަން އުޅުއްވި މާޒީއަށެވެ.
ރައީސް ނަޝީދުގެ ސަރުކާރުން 25 އަހަރަށް ރާއްޖޭގެ މައި ވައިގެ ބަނދަރު ޖީއެމްއާރު ކުންފުންޏަށް ދޭން އެއްބަސްވުން ގާއިމްކުރީ 2009 ވަނަ އަހަރު އެވެ.
ނަމަވެސް މި އެއްބަސްވުން އުވައިލީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން 2012 ވަނަ އަހަރު އެވެ. އަދި މިއާއެކު ޖީއެމްއާރުން ވަނީ ބަދަލުގެ ގޮތުގައި 800 މިލިއަން ޑޮލަރު ހޯދަން ސިންގަޕޫރުގެ އާބިޓްރޭޝަންއަށް ގޮސްފަ އެވެ.
ނަމަވެސް އާބިޓްރޭޝަނުން ކަނޑައަޅާފައިވަނީ 271 މިލިއަން ޑޮލަރު ޖީއެމްއާރަށް ނަގައި ދިނުމަށެވެ. އަދި މި ފައިސާ ސަރުކާރުން ދައްކާފައިވަނީ 2016 ވަނަ އަހަރު އެވެ. މި ފައިސާ ދެއްކީ އެމްއޭސީއެލްއިން ދައުލަތުގެ އެމްއޭއިން ބޮންޑެއް ގަނެގެންނާއި އެ ކުންފުނީގެ ބަޖެޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ