ޑޮކްޓަރަށް ނުދައްކާ ކަމަށްބުނެ ޑްރަގު ބޮޑެއް ދޫކުރިއިރު ޑޮކްޓަރަށް ދެއްކި ލިޔުންތައް ހުރި

ފަސްދޮޅަސް އެއް ކިލޯގެ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނު އަހުމަދު ވިސާމްގެ އަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދޭ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއިރު އޭނާ ޑޮކްޓަރަށް ދެއްކި ކަމަށް ބުނާ ލިޔުންތައް އެބަހުއްޓެވެ.
"މިހާރު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާ ވަނީ މީގެ ދެ ހަފްތާ ކުރިން ޑޮކްޓަރަށް ދައްކާފައެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ 20ވަނަ ދުވަހު ހައްޔަރުކުރި ވިސާމް ބަންދުގައި ބަހައްޓާފައި ހުރީ ޝަރީއަތް ނިމެންދެށެވެ. އޭނާ ދޫކޮށްލީ ގާޒީ އާދަމް މުހައްމަދެވެ.
ގާޒީ ނެރުއްވި އަމުރުގައި ވިދާޅުވީ ވިސާމް އަށް ލިބެންޖެހޭ ސިއްހީ ފަރުވާ އަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އަދި ކަކުލުގެ އޮޕަރޭޝަނެއް ވިސާމް ކުރަންޖެހޭ ކަމުގެ ލިޔުންތައް ހުރިއިރު އޭނާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ކަންކަމަކީ ވިސާމް ދޫކޮށްލަން ޖެހޭ ސަބަބެއް ކަމަށް ވެސް ބުނެފައިވެއެވެ.
"މިހާރު" ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިމަހުގެ 12ވަނަ ދުވަހު ވިސާމް ވަނީ ޑޮކްޓަރަށް ދައްކާފައެވެ. މީގެކުރިންވެސް އޭނާ ޑޮކްޓަރަށް ދައްކާފައިވެއެވެ. އޭނާ ދޫކޮށްލަން އަމުރު ކުރީވެސް ޑޮކްޓަރަށް ދެއްކި ކަމުގެ ލިޔުންތައް ވެސް ހުށަހަޅާފައި ވަނިކޮށެވެ.
އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ