ދެއްވަދޫ ކްލަސްޓާ އިން ޕޮޒިޓިވްވި އަދަދު 69 އަށް

ގއ. ދެއްވަދޫ އިން ފެނުނު ކޮވިޑް19 ކޭސްތަކާ ގުޅުންހުރި 69 މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދެއްވަދޫ އިން ޕޮޒިޓިވްވި 55 މީހަކާއި، ލ. ފޮނަދޫ އިން ޕޮޒިޓިވްވި ހަތަރު މީހެއްގެ އިތުރުން ގއ ވިލިނގިލިން ޕޮޒިޓިވްވި 2 މީހެއް އަދި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހަކާއި ގއ ދާންދޫ އިން ޕޮޒިޓިވްވި ހަ މީހެކެވެ. ދެއްވަދޫގައި ކޮވިޑް އުޅޭކަން އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ޕޮޒިޓިވްވެގެން ރެންޑޮމް ސާމްޕަލް ނެގުމުން އިތުރު ކޭސްތަކެއް ފެނުމުންނެވެ. ނަމަވެސް އެޗްއީއޯސީން ބުނީ، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ބަލި އެރަށު ގައި މާކުރިންވެސް ބަލި ފެތުރިފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ކްލަސްޓާ އާއި ގުޅިގެން ދާންދޫ އާއި ދެއްވަދޫ އަދި ވިލިނގިލި އޮތީ މޮނިޓަރިންގައެވެ. މިއަދުގެ ހަވީރު ހަޔަކާއި ހަމައަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 14،513 އަށް އަރައިފައެވެ. ރާއްޖެ އިން ބަލި ޖެހި ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،540 އެވެ. މި ބަލީގައިި 49 މީހަކު ރާއްޖޭގައި ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ