ކައުންސިލް އިންތިހާބު 50 ޕަސަންޓަށްވުރެ މަތިން ކާމިޔާބު ކުރާނަން: ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބު 50 ޕަސެންޓަށްވުރެ މަތިން ކާމިޔާބު ކުރާނެ ކަމަށް މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ކައުންސިލް އިންތިބާހު ވަރަށް ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި މަޖިލިސް އިންތިހާބަށްވުރެ، ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދާ ކާމިޔާބީ ބޮޑުވާނެ ކަމަށެވެ.
"ރައްޔިތުން މަޖިލިސް އިންތިހާބުގައި އަޅުގަނޑުމެންނަށް ލިބުނީ 48 ޕަސެންޓް ޕޮޕިއުލާ ވޯޓުގައި، މިފަހަރުގެ އަމާޒަކީ 50ގެ ލައިން ކްރޮސް ކުރުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ އަބަދުވެސް އޮންނާނީ ވާދަކޮށްލާނެ އިންތިހާބެއް ނުލިބިފައި ކަމަށާއި ކޮންމެ އިންތިހާބެއް ކުރިމަތިވިޔަސް އެމްޑީޕީ އޮންނާނީ ތައްޔާރަށް ކަމަށެވެ.
"އެމްޑީޕީ އަބަދުވެސް އޮންނާނީ ވާދަކޮށްލާނެ އިންތިހާބެއް ނުލިބިގެން. ޕޭރެންޓް ޓީޗާ އެސޯސިއޭޝަން އިންތިހާބުވެސް އަޅުގަނޑުމެންނަށް ހުޅުވާލައިފިއްޔާ ވާދަ ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބު ލަސްނުކޮށް، ވީހާވެސް އަވަހަކަށް ބޭއްވުމަށް އުންމީދު ކުރައްވާ ކަމަށާއި އަންނަ އަހަރުގެ މާޗް މަހުގެ ކުރީކޮޅު ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަން މާޗު މަހު ކުރީކޮޅު އިންތިހާބު އޮންނާނެ ކަމަށް. އަޅުގަނޑު ތާރީހަކީ މާޗް ހަތެއް ނުވަތަ ފަހެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ.
ކައުންސިލް އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ އިރު، އެކަމަށް އަދިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ދީފައެއްނުވެއެވެ. އެހެންކަމުން އަންނަ މާޗް މަހުގެ 13 ވަނަ ދުވަހަށް އިންތިހާބް ލަސްކުރަން ޖެހިދާނެ ކަމަށް އިލެކްޝަނުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ