ވަތަންގެ ހައްގުގައި ތެދުވަން ރައީސް ޔާމީން ގޮވާލައްވައިފި

އިންޑިއާ ސިފައިން ބޭރުކުރަން ދިވެހި ވަތަންގެ ހައްގުގައި ތެދުވަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން ގޮވާލައްވައިފިއެވެ.
ވަތަނުގެ ހައްގުގައި ތެދުވުމަށް ރައީސް ޔާމިން ގޮވާލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ޔާމީން މިއަދު ކުރެއްވި ޓްވީޓް ފެއްޓެވީވެސް ”ބޫޓްސް އައުޓް، މިލިޓަރީ އައުޓް، އިންޑިއާ އައުޓް“ މި މި އިބާރާތުންނެވެ.
އިނގިރޭސިބަހުގެ ފަށުވި އިބާރާތްތަކާއި، މުއްސަނދި އަދަބިއްޔާތުގެ ބޭނުންކުރައްވައިގެން ކުރެއްވި ޓްވީޓުގައި ދެން ގޮވާލެއްވީ ވަފާތެރިކަމާއެކު ހިދުމަތް ކުރަމުންގެންދާ ފަރާތްތައް ގައުމަށްޓަކައި ތެދުވުމަށެވެ. ޔާމީން އިސްވެ ހުންނަވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭނަށް ހިތްވަރު ދެއްވައި ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ކުރެވޭ މަސައްކަތަކީ ގައުމަށްޓަކައި ކުރެވޭ ވަފާތެރި ހިދުމަތެއް ކަމަށެވެ. އަދި ވަތަނަށްޓަކައި ކޮށްފައިވާ ހުވާ އައު ކުރަންވެސް ރައީސް ޔާމީންގެ ޓްވީޓްގައި ގޮވާލެއްވިއެވެ.
ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ “އިންޑިއާ އައުޓް” ކެމްޕޭން އިތުރަށް ވަރުގަދަ ކުރެއްވުމަށް ގޮވާލެއްވި އިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން ވަނީ ކަނޑައަޅައިފައެވެ.
ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން އެގޮތަށް ކަނޑައެޅުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމާއި ގުޅޭ ގަރާރެއް ނެރުއްވާފައެވެ.
އެއާއެކު، ފުލުހުން ބުނީ ގައުމުތަކާއި އެކު ރާއްޖެއިން ބާއްވަމުން އަންނަ ގުޅުމަށް ބުރޫއަރާފަދަ ކަންތައްތަކަށް ހިތްވަރު ލިބޭ އަމަލުތައް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
މިގޮތުން ސަރުކާރުން ވަނީ “އިންޑިއާ އައުޓް” ލިޔެ، ދަމާ ބެނާތައް ނަގައި، އެ ކެމްޕޭން ކުރިއަށް ގެންދަން ދެން ފުރުސަތު ނުދޭނެ ކަން ހާމަކޮށްފައެވެ.
ނަމަވެސް އެ ކެމްޕޭން ނުހުއްޓުވޭނެ ކަމަށް ބުނެ، ޕީޕީއެމް އިން ވަނީ އިންޑިއާ އައުޓް ކެމްޕޭން މަނާކުރި ގަރާރު ބާތިލުކޮށްދޭން މިދިޔަ މަހު ކޯޓަށް ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ