ރައުދާ މަރުވާން ބޭނުންކުރި ސްކާފް ވަގަށް ނެގިކަމަށް ބުނެ ހެކި ފޮރުވަން އުޅުނުކަމުގެ ތުހުމަތު އޭސީޕީ ރިޔާޒަށް ކޮށްފި

ބަނގުލާދޭޝްގައި މަރުވި ރާއްޖޭގެ މަޝްހޫރު މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލައާ ގުޅޭ ހެކި ފޮރުވަން އުޅުނު ކަމުގެ ތުހުމަތު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒުގެ މައްޗަށް ކޮށްފިއެވެ.
ރިޔާޒުގެ މައްޗަށް މި ތުހުމަތު ކޮށްފައި ވަނީ ރައުދާގެ ބައްޕަ މުހައްމަދު އާތިފް އެވެ.
ރިޔާޒުގެ މައްޗަށް މި ތުހުމަތު ކޮށް އާތިފް ކުރި އޭނާގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވަނީ، ރައުދާގެ މަރާގުޅޭ، އެންމެ މުހިންމު ފޮރިންސިކް ހެއްކަކީ ރައުދާ އަމިއްލައަށް މަރުވާން ބޭނުންކުރި ކަމަށް ބުނާ ސްކާފް ކަމަށާއި، އޭސީޕީ ރިޔާޒު އެ ސްކާފް ވަގަށް ނަގާފައި ވާ ކަމަށެވެ. ރާޖްސާހީގެ ފުލުހުންނާ ގުޅިގެން ރިޔާޒު އެ ސްކާފް ވަގަށް ނެގީ ރޭގަނޑު ދަންވަރު ކަމަށް ވެސް އާތިފު ވަނީ ތުހުމަތު ކޮށްފައެވެ.
ރައުދާގެ މަރުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދި ރައުދާގެ މަންމައަށް ބިރުދެއްކި ކަމުގެ ތުހުމަތު ވެސް އޭސީޕީ ރިޔާޒުގެ މައްޗަށް އާތިފު ވަނީ ކޮށްފައެވެ.
އާތިފުގެ ޕޯސްޓްގައި ރައުދާގެ މަންމައަށް ޕޮލިސް ހެޑްކުއާޓަރުގައި ބިރު ނުދައްކަންތޯ، އާއި ރައުދާގެ މަރުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދި ރައުދާގެ މަންމައަށް ބިރުދެއްކި ކަންވެސް އެއީ ބަލި ހަނދާނެއްތޯ އާތިފު ސުވާލުކޮށްފައި ވެއެވެ.
އާތިފް ބުނެފައިވަނީ ރައުދާގެ މަރުގެ ހަގީގު އޮޅުވާލަން އޭސީޕީ ކުރި މަސައްކަތް ބަންގްލާދޭޝްގެ ރާޖްޝާހީ މީހުންނަށްވެސް އެނގޭނެ ކަމަށެއެވެ.
ރައުދާ ދަންޖެހިގެން މަރުވިކަމަށް ބުނިތާ ހަފުތާއެއް ފަހުން ދިވެހި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުގެ އޮފިސަރު އިންޑިއާގެ ލަވްލީ ޔުނިވާސިޓީގައި މަރުވީ ވެސް އަމިއްލަޔަށް ދަންޖެހިގެން ކަމަށް ބުނާ ކަމަށް ވެސް އާތިފު ބުނެފައި ވެއެވެ.
މިއީ ކިޔަވައި މޮޅުވެ ސްކޮލާޝިޕްގައި ބޭރަށް ގޮސް ދަން ޖެހޭ ރޯގާއެއްތޯ އާތިފުގެ ޕޯސްޓްގައި ވަނީ ސުވާލު ކޮށްފަ އެވެ. އަދި އެރޭ 3:08 ގައި ޓުވިޓަރ އިން ރައުދާއަށް ފޮނުވި މަރުގެ އިންޒާރު ކޮބައިތޯ ވެސް އާތިފު ސުވާލު ކޮށްފައި ވެއެވެ.
އާތިފު ބުނެފައި ވަނީ އޭސީޕީ ރިޔާޒަކީ ދިވެހި ފުލުހުންގެ މުއައްސަސާއަށް ހުރި ބޮޑު ހުތުރެއް ކަމަށެވެ.
ޑޮކްޓަރުކަން ކިޔަވަން ބަންލާދޭޝައަަށް ގޮސް އުޅުނު އުމުރުން 21 އަހަރުގެ ރައުދާ ދަންޖެހިފައި ހުއްޓައި ފެނުނީ 2017 އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު، އެވެ. އޭނާގެ މަރުގެ މައްސަލަ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލައި ތަހުގީގު ރިޕޯޓެއް ވެސް ވަނީ އެކުލަވާލައިފައެވެ.
އެ ރިޕޯޓް ގަބޫލު ނުކުރާ ކަމަށް ރައުދާގެ އާއިލާއިން ވަނީ ބުނެފައެވެ. އެ ހާދިސާގައި މިހާތަނަށް ކުރި ހުރިިހާ ތަހުގީގަކުން ދައްކަނީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. ނަމަވެސް ރައުދާގެ އާއިލާއިން ތުހުމަތު ކުރަނީ ރައުދާ މަރާލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ