ވިލިނގިލިން ކަރަންޓުގައި ޖެހުނު މީހަކު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ގއ. ވިލިނގިލީގައި މީހަކު ކަރަންޓުގައި ޖެހިގެން ޓެސްޓު ހެދުމަށް މާލެ ފޮނުވަން ނިންމައިފިއެވެ. ކަރަންޓުގައި ޖެހުނީ ފެނަކަ ކޯޕަރޭޝަނުގައި މަސައްކަތްކުރަމުންދާ ގއ. ވިލިނގިލި ފެހިވިލާގެ، އަހްމަދު މުފީދުއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓު އެ މުއައްސަސާއަށް ލިބުނީ، މިއަދު ހަވީރު 5:15 ގައި ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ. "ކަރަންޓު ޖެހުނު މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް މައުލޫމަތު ލިބިފައިވޭ،"މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ފެނަކަ ވިލިނގިލީ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރު ފިރުދައުސް މުހައްމަދު މިރޭ "ސަން" އަށް ވިދާޅުވީ، އޭނާއަށް ކަރަންޓް ޖެހިފައިވަނީ، ވިލިނގިލީގައި ހިއްކި ސަރަހައްދުގައި ހަދާފައިވާ 52 ހައުސިން ޔުނިޓްތަކަށް މިއަދު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ، ކަރަންޓުގައި ޖެހުނު މުފީދުގެ ހާލު ސީރިޔަސް ނޫން ކަމަށާއި ކުންފުނިން އެދިގެން އޭނާ އިތުރު ޓެސްޓުތައް ހެދުމަށްޓަކައި މާލެ ފޮނުވަން ނިންމަވާފައިވާ ކަމަށެވެ. "ނަރުދަމާގެ މަސައްކަތް ކުރުމަށް ކޯރުތައް ހުރީ ކޮނެފައި. ކޯރުގައި ކޮންމެވެސް ވަރަކަށް ފެން ހުރި. ކަރަންޓު ޖެހުނީ ކޯރަށް ގުޅާފައި ހުރި ޕަމްޕަށް ކަރަންޓު ދިނުމުގެ ސަބަބުން،" ފިރުދައުސް ވިދާޅުވިއެވެ. ފިރުދައުސް ވިދާޅުވީ، ކަރަންޓު ދިން އިރު، އޭނާ ހުރީ ކޯރު ތެރޭގައި ކަމަށާއި ޕަޕްޕަށް ކަރަންޓު ދިނީ އޭނާ "އޯކޭ" ދިނުމުން ކަމަށް އެތަނުގައި ތިބި އެހެން މީހުން ބުނެފައިވާ ކަމަށެވެ. މުފީދުގެ އާއިލާގެ ވާހަކަ ދެއްކި މީހަކު "ސަން"އަށް ބުނީ، އޭނާގެ ހާލު މުޅިއަކުން ރަނގަޅު ނޫން ކަމަށެވެ. އެގޮތުން އޭނާއަށް ވާހަކަދެއްކުމުގައި ދަތިތަކެއް އެބަހުރި ކަމަށް ފާހަގަކުރިއެވެ. "މިހާރު އޮތީ 24 ގަޑިއިރަށް އޮބްޒަވޭޝަނަށް ބާއްވާފައި. ނިދާފަ ހޭލި އިރު، އޭނާއަށް ވާހަކަައެއް ނުދެއްކޭކަމަށް ބުނި. މާލެ ގެންދަން ނިންމާފައި އޮތީ. އެކަމަކު އަދި ފްލައިޓުން ޖާގައެއް ނުލިބޭ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ، ކަރަންޓު ޖެހުނު މުފީދު ހުރީ ސޭފްޓީގައި ކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރު ނުވާ ކަމަށެވެ. ވިލިނގިލިން މީހަކު ކަރަރަންޓު ޖެހިގެން ހިތާމަވެރި ހާދިސާއެއް ހިނގާފައިވާއިރު، މީގެ ހަތަރު އަހަރު ކުރިން ޑިސެމްބަރު، 7، 2015 ގައިވެސް ވަނީ މިފަދަ ހާދިސާއެއް އެރަށުގައި ހިނގާފައެވެ. އެގޮތުން އެފަހަރު ދެ މީހަކަށް ކަރަންޓު ޖެހި، އެކަކު ވަނީ މަރުވެފައެވެ. އޭރު އެ ހާދިސާ ހިނގާފައިވަނީ، އެ ރަށު މަގުހެދުމުގެ މަސައްކަތުގެ ތެރޭގައި ބުރުވި ކަރަންޓު ކޭބަލެއް ގުޅުވުމުގެ ތެރޭގައި ކަމަށެވެ. https://twitter.com/sunbrk/status/673522878705373184
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ