ގއ.ވިލިނގިލީގައި ޕޮލިޓެކްނިކްގެ ކެމްޕަހެއް ހުޅުވައިފި

ގއ ވިލިނގިލީގައި ޕޮލިޓެކްނިކްގެ ކެމްޕަހެއް ހުޅުވައިފިއެވެ.
މި ކެމްޕަސް ހުޅުއްވައިދެއްވީ މިހާރު ގއ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމެވެެ.
ކެމްޕަސް ހުޅުއްވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަތޮޅުތަކުގައި ތިބި ޒުވާނުންނަށް އެކިއެކި ހުނަރު ދަސްކޮށްދޭ ތަފާތު ކޯސްތަކާއި ޕްރޮގްރާމްތައް ހިންގުމަށް ޓަކައި މާލެ ފިޔަވައި ރާއްޖޭގެ ހަ ސަރަހައްދެއްގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން، މޯލްޑިވްސް ޕޮލިޓެކްނިކް ވިލިނގިލީ ކެމްޕަހަކީ އެ ހަ ކެމްޕަހުގެ ތެރޭގައި ހިމެނޭ ކެމްޕަހެއް ކަމަށެވެ.
މި ކެމްޕަހުގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމް ކުރާ ހަތަރު ކެމްޕަސް ހިންގަން ފެށިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވިލިނގިލީ ކެމްޕަހުގައި ޑިޕްލޮމާ އާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޕްރޮގްރާމްތައް ހިންގާނެ އެވެ. އަދި އެ ކެމްޕަހުގައި އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ އާ ކޯސްތަކަކަށް ކުރިމަތިލުމަށް އިއުލާންކޮށްފައިވާ އިރު، ކައިރިއަށް އޮތްތަނުގައި ޑިގްރީ ފެންވަރުގެ ކޯސްތައް ފެށިގެންދާނެ ކަމަށް މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވި އެވެ.
ޕޮލިޓެކްނިކްގެ ވިލިނގިލީ ކެމްޕަސް މިވަގުތު ހިންގަމުންދަނީ އެރަށު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގައި ނަމަވެސް އެ ކެމްޕަހުގެ ދާއިމީ އިމާރާތެއް ގާއިމްކުރުމަށް ވިލިނގިލީ ކައުންސިލުން މޯލްޑިވްސް ޕޮލިޓެކްނިކަށް ރަސްމީކޮށް ބިމެއް ދީފައިވާ ކަމަށާއި އެތަނުގައި ޒަމާނީ ކެމްޕަހެއް އެޅުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވި އެވެ.
ވިލިނގިލީ ކެމްޕަހުގައި ހިންގަމުން ގެންދާ ކޯސްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ ގިނަ ވަސީލަތްތަކާއި ޓެކްނިކަލް ބޭފުޅުން ހަމަޖައްސަވައިދެއްވަމުން ގެންދަވަނީ މިފްކޯ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ