ނަޖީބަކީ ގާނޫނީ ވަކީލަކަށްވާތީ ވަކި ހާއްސަ ސަމާލުކަމެއް ދީފައެއް ނެތް: އުއްތަމަފަނޑިޔާރު

މިމަހުގެ އެއްވަނަ ދުވަހު ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ މަރާއި ގުޅިގެން އެއީ ވަކި މީހަކަށްވާތީ އެހެން މީހުންނަށް ވުރެ ބޮޑަށް ސަމާލުކަމެއް ޝަރުއީ ދައިރައިން ދީފައި ނުވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ފާއިޒު މިއަދު ވިދާޅުވީ ނަޖީބުގެ މަރާއި ގުޅިގެން ޝަރުއީ ދައިރާއިން ކުރަމުންދާ މަސައްކަތްތަކަކީ އާ މަސައްކަތްތަކެއް ނޫން ކަމަށާއި، އެމަސައްކަތްތަކަކީ އަބަދު ވެސް ޝަރުއީ ދާއިރާއިން ކުރަމުން ގެންދާ މަސައްކަތްތަކެއް ކަމަށެވެ.
"މިހާރު ކުރެވެމުންދާ މަސައްކަތަކީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުން، އެކަމުގައި ކޯޓުތަކުގައި މަސައްކަތް ކުރާ ފަނޑިޔާރުންނާއި ލީގަލް ދާއިރާގައި މަސައްކަތް ކުރާ ފަނޑިޔާރުން ގުޅިގެން މަސައްކަތް ކުރަން ނިންމީ. މިއީ ވަކި މަރަކާއި ވަކި ބޭފުޅަކާއި ގުޅިގެން ފެށި ހަރަކާތެއް ނޫން، ތަފާތެއް ނެތް، ހަމައެކަނި ފުޅާކޮށްލެވުނީ" ފާއިޒު ވިދާޅުވިއެވެ.
48 ގަޑި އިރު ނުވަނީސް ނަޖީބުގެ މައްސަލަ ކޯޓަށް ވައްދާ ހުކުމަކާއި ހަމަައަށް އައިސްފައިވާ އިރު ގިނަ ފަރާތްތަކަކުންދަނީ ނަޖީބަކީ ގާނޫނީ ވަކީލަކަށްވީތީ ޝަރުއީ ދާއިރާއިން ވެސް އިސްކަންދީފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
ނަމަވެސް އުއްތަމަ ފަނޑިޔާރު ފާއިޒު ވިދާޅުވީ، މިއީ އެހާ އަވަހަށް ކޯޓަށް ވެއްދި ފުރަތަމަ މައްސަލަ ނޫން ކަމަށާއި، މިމައްސަލައާއި އެހެން މައްސަލކަތަކައި ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.
"ނަޖީބުގެ މައްސަލައިގައި ތަހުގީގުގައި އެއްބާރުލުން އެބަ އޮތް، ޕީޖީއަށް ވެސް ނެތް ދައްޗެއް، މައްސަލައިގެ ހިމެނޭ މީހުން ކޯޓުގައި ވެސްވަނީ އިއުތިރާފުވެފައި، ހުށަހެޅުނު ކޭސްތަކާއި މިމައްސަލައާއި ތަފާތު، ތަހުގީގުގައި އަދި ޝަރުއީ ދާއިރާގައި ވެސް އެއްބާރުލުން ލިބުނު" ފާއިޒު ވިދާޅުވީ މީޑިއާ ތަކުގެ ޒަރިއްޔާއިން ފިޔަވާ އެނޫން ގޮތަކަށް އެމައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
މާރާމާރީއާއި މީހުން މެރުން ފަދަ ކަންތައްތައް ހައްދު ފަހަނަޅާދާ މިންވަރަށް އިތުރުވާން ޖެހުނު މައިގަނޑު ސަބަބަކީ ކޮބައިތޯ ސީއެންއެމުން ސުވާލު ދެންނެވުމުން ފާއިޒު ވިދާޅުވީ، މީހުން މެރުން ފަދަ ކުށްތައް އިތުރުވަމުންދަނީ އެއްމެ ސަބަބަކާއި ހެދި ނޫން ކަމަށާއި، އޭގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް އެބަ ހުރި ކަމަށެވެ. އަދި އެއީ ކޮން ކަންތައްތަކެއް ކަން ވަގުތުން ދަންނަވާލަން ދަތި ކަމަށް ވެސް ފާއިޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ