ފަހަތުން އަރައި ވީބީ އަތުން ވިކްޓަރީ މޮޅުވެއްޖެ

ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިއަދު ވީބީ އައްޑޫ އެފްސީ އަތުން 2- 1 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓުގައި ވީބީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑް ހޯދައިދިނީ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. ވީބީ އަށް ޕެނަލްޓީ ލިބުނީ ވީބީގެ އިސްމާއިލް މުހައްމަދު (އިއްސޭ) އަށް ވިކްޓަރީގެ ރިލްވާން ވަހީދު (ރިލޭ) ކުރި ފައުލަކާ ގުޅިގެނެވެ. އެކަމަކު ލީޑް ހޯދައިގެން ވީބީ އަށް ހިތްހަމަޖެހިލައިގެން މާގިނައިރު އޮވެވޭ ގޮތެއް ނުވި އެވެ. މެޗުގެ އަށް ވަނަ މިނިޓުގައި ވިކްޓަރީގެ ފޯވަޑް ހުސެއިން ޝިމާޒް (ކޮކީ) އަށް ވީބީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހިމް ކުރި ފައުލަކާ ގުޅިގެން ރެފްރީ އަލީ ސަލީމް ވަނީ ސޮބާ އަށް ރަތްކާޑު ދައްކައިފަ އެވެ. ސޮބާ އަށް ރަތްކާޑު ދެއްކީ ސޮބާ ކައިރިން ކޮކީ ދެމިގަނެގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަންނަން ދަނިކޮށް، ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރެ ސޮބާ ފައުލްކުރުމުންނެވެ. މެޗުގެ 24 ވަނަ މިނިޓުގައި ވިކްޓަރީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ކުރިން ވީބީ އަށް ކުޅުނު މުހައްމަދު އުމެއިރެވެ. މިއީ މި ސީޒަން އުމެއިރު ކާމިޔާބުކުރި ނުވަ ވަނަ ލަނޑެވެ. އަދި މެޗުގެ 33 ވަނަ މިނިޓުގައި ވިކްޓަރީ އަށް ލީޑު ހޯދައިދިނީ ނައިޖީރިއާގެ މިޑްފީލްޑަރު ޗިންޑާ ޗިޒީ ކަކާ އެވެ. މެޗުގައި ވިކްޓަރީ އަށް ވަނީ ތަފާތު ބޮޑުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެންމެ ފާހަގަކޮށްލެވެނީ ރިލޭ އާއި ކެމަރޫންގެ ފޯވަޑް ހަންސޭވީ އަވިލޯ އަށް ލިބުނު ހުސް ދެ ފުރުސަތެވެ. ވީބީ އަށް ވެސް ވަނީ މެޗުގެ ފަހުކޮޅު ނަތީޖާ އެއްވަރުކޮށްލަން ފުރުސަތުތަކެއް ލިބިފަ އެވެ. މެޗުގެ ފަހު މިނިޓުގައި ބޮންޑާ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ނިމުނުއިރު، ތާވަލްގެ އެއްވަނައިގައި 17 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓެވެ. ވިކްޓަރީ 16 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، އީގަލްސް ތިން ވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި މާޒިޔާ 10 ޕޮއިންޓާ އެކު އޮތްއިރު، ވެލެންސިއާ ފަސް ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ވިޔަންސާ އާއި ފާއިތުވި ތިން އަހަރުގެ ޗެމްޕިއަން ވީބީ ހަ ޕޮއިންޓާ އެކު އޮތް ނަމަވެސް، ލަނޑުގެ ތަފާތުން ހަ ވަނަ ލިބެނީ ވިޔަންސާއަށެވެ. ވީބީ ހަތް ވަނައިގައި އޮތްއިރު ތާވަލްގެ ފުލުގައި ހަތަރު ޕޮއިންޓާއެކު އޮތީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ. މެޗަށް ފަހު ވާހަކަދައްކަމުން ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ތާވަލްގެ އެއްވަނައިގައި އޮތް ނިއު އަށް ވުރެ އެއް ޕޮއިންޓް ފަހަތުން ވިކްޓަރީ އަށް ފުރަތަމަ ބުރު ނިންމާލެވުނު ނަމަވެސް އުންމީދުކުރި ވަރަށް ވިކްޓަރީ މި ބުރުގައި ޕޮއިންޓްތަކެއް ނުލިބޭ ކަމަށެވެ. "އުންމީދުކުރި ވަރުގެ ޕޮއިންޓެއް ނޫން މި ލިބުނީ. އެކަމަކު (އެއްވަނައިގައި އޮތް ޓީމާ) ކައިރި ކައިރިގައި އޮވެވޭތީ އެއީ ވަރަށް ބޮޑު ރަނގަޅެއް. އެހެން ޓީމުތަކާ ވަރަށް ބޮޑަށް ފެޔަށް ޖެހިލެވުނީ މި ތިން ޕޮއިންޓް ލިބުނީމަ. ހުރިހާ ކުޅުންތެރިން ކުރި މަސައްކަތަށް ވެސް ޝުކުރު އަދާކުރަން،" ނަޒީހް ބުންޏެވެ. ނަޒީހު ބުނީ ބޮޑު ދެ ޓީމު ކުރިމަތިލާ މެޗުތަކުގައި އާންމުކޮށް މޮޅުވާނީ ކުރިން ލަނޑުޖަހާ ޓީމު ކަމަށާއި މި މެޗުގެ ނަތީޖާ އެގޮތަށް ނުނިކުތަސް ވިކްޓަރީން ގިނަ ފުރުސަތުތައް ބޭކާރުކޮށްލުމަކީ ހިތްހަމަޖައްސާލައިގެން ތިބެވޭވަރުގެ ކަމެއް ނޫން ކަމަށެވެ. ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ މެޗުން ބަލިވުމުގައި ވީބީ އަށް ލިބުނު ޗާންސްތަކުގެ ބޭނުން ނުހިފުނު ކަމަށާއި ބަލިވީ ނަސީބު ވެސް ނެތުމުން ކަމަށެވެ. "ސޮބާ އަށް ރަތްކާޑު ދެއްކުމުން މައްސަލަތައް ދިމާވި. ރަތްކާޑު ދެއްކުމުން ވިކްޓަރީ ކުޅުނު ސިސްޓަމް ބަދަލުކުރި. އެކަމަކު އަހަރެމެން ފޯވަޑް ލައިނަށް ބަދަލެއް ނުގެންނަން. ދެ ޓީމު މެޗުގައި މިއަދު މާ ބޮޑު ތަފާތެއް ނުފެނުނު. އަހަރެމެންނަށް ޗާންސްތަކެއް ވެސް ލިބުނު. މިއަދު އަހަރެމެންގެ ނަސީބު ވެސް ނެތީ،" ވަންލީ ބުންޏެވެ. ވަންލީ ބުނީ ލީގުގައި ވީބީ އޮތް މަގާމު ރަނގަޅުކުރުމަށް ބުރަ މަސައްކަތެއް ކުރަންޖެހޭ ކަމަށާއި ލީގު ޗެމްޕިއަންކަން ހޯދުމަށް މިހާރު ވިސްނެން ނެތް ކަމަށެވެ. "އަހަރެމެން ފަހަރެއްގައި ވިސްނަންޖެހިދާނެ ދެވަނަ ހޯދަން ވެސް. ދެވަނަ ލިބުނަސް އެއީ ނާކާމިޔާބެއް ނޫން،" ވަންލީ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ