ލީސްއެގްރިމެންޓްތަކުގެ މަޢުލޫމާތު 45 ދުވަހުގެ ތެރޭގައި ދިނުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަންގަވައިފި

އަމިއްލަ ފަރާތަކުން ހޯދުމަށް އެދުނު ލީސް އެގްރިމެންޓްތަކުގެ މަޢުލޫމާތު 45 ދުވަހުގެ ތެރޭގައި ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރ ޙުޞައިން ފިޔާޒު މޫސާ ޓޫރިޒަމް މިނިސްޓްރީއަށް މިއަދު އަންގަވައިފިއެވެ. އެމިނިސްޓްރީއަށް މިކަން އަންގައިފައިވަނީ އިންފޮމޭޝަން ކޮމިޝަނަރ މެދުވެރިކުރައްވައި އެމަޢުލޫމާތު ހޯދުމަށް އެދުމާ ގުޅިގެން މިއަދު ބޭއްވި އަޑު އެހުމުގައެވެ. އާންމު ފަރާތަކުން އެދިފައި ވަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ލީސް އެގްރިމެންޓާއި ސަބް ލީސް އެގްރިމެންޓްތަކުގެ މަޢުލޫމާތު ހޯދުމަށެވެ.
މިއަދުގެ އަޑު އެހުމުގައި އާއްމު ފަރާތެއްކަމުގައިވާ ޝިފާޒާ ޢުމަރު އެދި ވަޑައިގެންނެވީ މަޢުލޫމާތު މިނިސްޓްރީން ހާމަނުކުރެއްވީ ކީވެގެންތޯ އިންފޮމޭޝަން ކޮމިޝަނަރ ޙުޞައިން ފިޔާޒު މޫސާ ސުވާލުކުރެއްވުމުން، ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސަރ ޝުކުރާނާ މުޙައްމަދު ވިދާޅުވީ، ލިޔުމުން ޖަވާބު ދެއްވުމަށް އިތުރު ފުރުޞަތަކަށް އެދި ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ އެމަޢުލޫމާތު ހޯއްދެވުމަށް އެފަރާތުން އެދިފައިވަނީ މިދިޔަ ސެޕްޓެމްބަރ މަސްތެރޭގައި ކަމަށެވެ. އެއީ މިހާރުގެ ކޮމިޝަނަރ މަޤާމާވެސް ހަވާލުވުމުގެ ކުރިން ކަމަށެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރަށް ލިޔުމުން ޖަވާބު ދިނުމަށް އިތުރު ފުރުޞަތެއް ނުދެއްވޭނެކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވި ވާހަކަ ތަކުން ހާމަވީ އެމަޢުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި އިންފޮމޭޝަން ކޮމިޝަނަރާ ކުރިންވެސް ބައްދަލުކޮށް ވާހަކަ ދެއްކިފައިވާކަމަށެވެ.
ލީސް އެގްރިމެންޓްގެ މަޢުލޫމާތު ހާމަކުރެއްވި ކަމުގައި ވިއަސް ސަބްލީސް އެގްރިމެންޓް ތަކަކީ ތިންވަނަ ފަރާތްތަކުގެ މަސްލަޙަތު އޮތް އެއްބަސްވުންތަކަކަށް ވުމުން އެ އެއްބަސްވުންތަކާ ބެހޭ މަޢުލޫމާތު ހާމަނުކުރެއްވޭނެ ކަމަށްޓޫރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސަރ މިއަދުގެ އަޑު އެހުމުގައި ވިދާޅުވިއެވެ. ސަބްލީސް އެގްރިމެންޓްތަކަކީ ޓޫރިޒަމް މިނިސްޓްރީއާއެކު ލީސްއެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތަކުން ތިންވަނަ ފަރާތަކާއެކު ވެވޭ އެއްބަސް ވުމެއްކަމަށް ޝުކުރާނާ ވިދާޅުވިއެވެ. ނަމަވެސް ސަބްލީސް އެގްރިމެންޓްގައި ސޮއެކުރެވޭނީ މިނިސްޓްރީން ހުއްދަ ލިބިގެންކަން ފާހަގަ ކުރެއްވިއެވެ. ސަބްލީސް އެގްރިމެންޓްތަކުގައި ސޮއިކުރުމަށްފަހު އެމިނިސްޓްރީގައި ރަޖިސްޓްރީ ކުރައްވަން ޖެހޭނެކަމަށް ވިދާޅުވިއެވެ. ލީސް އެގްރިމެންޓްތައް އެއްގޮތަކަށް ހުރިކަމުގައި ވިޔަސް ސަބްލީސް އެގްރިމެންޓްތައް ހުންނާނީ ތަފާތުކޮށްކަން ވެސް ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސަރ ފާހަގަ ކުރެއްވިއެވެ.
މިއަދުގެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ ސަބްލީސް އެގްރިމަންޓް ތަކުގެ ތެރެއިން ދައުލަތުގެ ކުންފުނިތަކާއެކު ވެވިފައިވާ އެއްބަވުންތަކުގެ މަޢުލޫމާތު ހާމަކުރެވެން ޖެހޭނެކަމަށެވެ. ޓުރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސަރ ވިދާޅުވީ އެފަދަ އެއްބަސްވުންތައް ވަރަށް މަދުވާނެކަމަށެވެ.
މިއަދުގެ އަޑު އެހުމުގައި މަޢުލޫމާތު ހޯއްދެވުމަށް އެދި ވަޑައިގެންނެވި، ޝިފާޒާ ޢުމަރު ވިދާޅުވީ މަޢުލޫމާތު ނުދެއްވުމަށް މިނިސްޓްރީން ދެއްވާ ޖަވާބަކީ އޭނާއަށް ޤަބޫލުކުރެއްވޭ އުޒުރެއް ނޫންކަމަށެވެ.
މިއަދުގެ އަޑު އެހުން ނިންމާލެއްވީ ޝިފާޒާ ޢުމަރު ބޭނުންވި މަޢުލޫމާތު ލަސްވެގެން 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ދިނުމަށް ޓޫރިޒަމް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރ އެންގެވުމަށް ފަހުއެވެ. ނަމަވެސް ވީހާވެސް އަވަހަށް މަޢުލޫމާތު ފޯރުކޮށް ދެއްވުމަކީ އިންފޮމޭޝަން ކޮމިޝަނަރގެ އެދިވަޑައިގެންނެވުމަށް ކަމަށް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަނުކުރެއްވި މަޢުލުމާތެއް، އިންފޮމޭޝަން ކޮމިޝަނަރ މެދު ވެރިކޮށް ހޯއްދެވުމަށް ހުށަހެޅި މައްސަލައިގައި މިމަހު 11 ވަނަ ދުވަހަށް ތާވަލް ކުރެއްވި އަޑު އެހުމަށް ޓޫރިޒަމް މިނިސްޓްރީން އެއްވެސް ބޭފުޅަކު ވަޑައެއް ނުގަންނަވައެވެ. ނަމަވެސް މިއަދުގެ އަޑު އެހުމަށް އެމިނިސްޓްރީން ވަޑައިގެނެވުމުން އުފާފުޅު ކުރައްވައި، އިންފޮމޭޝަން ކޮމިޝަނަރ ވަނީ އެކަން ފާހަގަ ކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓޫރިޒަމް މިނިސްޓްރީން ފަސޭހަކަމާއެކު މަޢުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ