ގެސްޓްހައުސްތަކުގައި ތިބެފައި ފުރާ ފަތުރުވެރިން ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެ!

ގެސްޓްހައުސްތައް އޮޕަރޭޓްކުރާ ރަށްރަށަށްދާ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ނެގެޓިވް ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ހޯދަންޖެހޭގޮތަށް އުސޫލުތައް ބަދަލުކޮށްފިއެވެ.
އެޗްޕީއޭ އަދި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން އިއްޔެ އާންމުކުރި ގައިޑްލައިންގައިވާ ގޮތުގައި ގެސްޓްހައުސްތަކުގައި ތިބެން އަންނަ ފަތުރުވެރިންވެސް ރާއްޖެއަށް އާދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުގައެވެ. އެންމެ ގިނަވެގެން މި ޓެސްޓް ހެދުމަށް ސާމްޕަލް ނަގަންޖެހެނީ، ރާއްޖެއަށް އައުމަށް ފުރަތަމަ މަންޒިލުން ފުރުމުގެ 72 ގަޑިއިރު ކުރިންނެވެ.
މީގެ އިތުރުން ގެސްޓްހައުސްތަކުގައި ތިބެފައި ފަތުރުވެރިންނަށް ފުރޭނީވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާއާއި އެކުގައިކަމަށް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން އަނބުރާ ދާ މަންޒިލްގައި ނެގެޓިވް ޕީސީއާރް ޓެސްޓެއް ހެދުމަށް ވަކި ޓައިމް ފްރޭމެއް ނެތްނަމަ، އެ ޓެސްޓަށް ސާމްޕަލް ނަގަންޖެހޭނީ އެންމެ ގިނަވެގެން ފުރުމުގެ 72 ގަޑިއިރު ކުރިންކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ ދަތުރުކުރާ ގައުމަކުން ވަކި ޓައިމްފްރޭމެއް ކަނޑައަޅާފައިވާނަމަ އެ ޓައިމް ފްރޭމަށް އަމަލުކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ޓެސްޓް ހެއްދުމުގެ ޚަރަދުގައި ހިފަންޖެހޭނީ އެ ފަތުރުވެރިއެއް އަމިއްލައަށް ނުވަތަ ހުންނަ ގެސްޓްހައުސަކުންނެވެ. އަދި މިކަމުގެ އިންތިޒާމްތައް ހަމަޖައްސައިދޭން ޖެހޭނީ ގެސްޓްހައުސްއިންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އޮކްޓޯބަރ މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބައެއް ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެނަސް މި މުއްދަތުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ.
އެގޮތުން މާލޭގެ ގެސްޓްހައުސްތައް ހުޅުވެން އޮތީ 28 ދުވަސް ވާންދެން 1000 އަށްވުރެ ދަށްނުވާ އަދަދަކަށް ކޮންމެ ދުވަހަކު ސާމްޕަލް ނަގައި، އޭގެން އެންމެ ގިނަވެގެންވެސް 5 އިންސައްތަ ޕޮޒިޓިވްވުމުންކަމަށް ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ