އިޔާޒްގެ ރައްދު އީވާ އަށް: ދީނުގައި އޮންނަ ގޮތް އޮޅުން ފިލުވައިދޭން ފަހަތަށް ނުޖެހޭނަން

މީހަކު ކިތަންމެ ރުޅި އައިސް، އިންޒާރު ދިނަސް، އިސްލާމް ދީނުގައި އޮންނަ ގޮތް އޮޅުން ފިލުވައިދޭން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް މިއަދު ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްތަކަށް މަޖިލިހުގެ ބަހުސް ކުރައްވަމުން އީވާ ވަނީ އިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އީވާގެ ނަފްރަތާއި ރުޅިވެރިކަން އަމާޒުވީ އިޔާޒް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.
އިޔާޒް މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަންހެން މީހާ އައުރަ ނިވާ ކުރީމަ، ޖިންސީ އަނިޔާއެއް ނުހިނގާނެ ކަމަށެވެ. އަދި ފާހިޝް އަމަލުތައް ހިންގާ ދޮރުތައް ބަންދު ކުރަން ޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ. އިޔާޒް ދެއްކެވީ މުޑުދާރު ވާހަކަތަކެއް ކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވީ ދީނުގެ ނަމުގައި ޖިންސީ ފުރައްސާރަ އަށާއި ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ދީނީ އިލްމުވެރިން ވާހަކަ ދައްކަވާ ކަމަށެވެ.
ޖިންސީ ކުށްތަކުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އެއް ގޮތަކަށް ވެސް އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބަކުން ނޫން ކަމަށާއި އެފަދަ ގޮތަކަށް ދެކުމަކީ ލާއިންސާނީ އަމަލެއް ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވި ގޮތުގައި އެގޮތަށް ދެކުމަކީ ޖިންސީ ކުށްތަކަށް ހިތްވަރު ދިނުމެވެ.
އީވާގެ އެ ވާހަކަތަކާ ގުޅިގެން އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހަކު ކިތަންމެ ރުޅި އައި ނަމަވެސް، ކިތަންމެ ވަރުގަދަ އިންޒާރެއް ދިން ނަމަވެސް އަދި ކިތަންމެ ބޮޑު އަނިޔާއެއް ދިން ނަމަވެސް ދީނުގައި ކަން އޮންނަ ގޮތް ރައްޔިތުންނަށް ބަޔާންކޮށް ދިނުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އިޔާޒް އެ ޓުވީޓު ކުރެއްވީ އީވާގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގް ކުރައްވައެވެ.
އިޔާޒް ވިދާޅުވި ގޮތުގައި އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ހިމާޔަތަށް ވުރެ ބޮޑު ހިމާޔަތެއް އެހެން އެއްވެސް ދީނަކަށް އަދި އެއްވެސް ބަޔަކަށް ނުދެވޭނެ ކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި މަޖިލިހުގެ ގޮނޑިއެއް ލިބުމަކީ މީހާގެ ސައިޒް އޮޅެން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިމަންކަލޭގެފާނުގެ ފަރާތުން އެންމެ އާޔަތެއްގެ މިންވަރު ވެސް އަނެކުންނަށް ފޯރުކޮށްދޭށޭ، ހަދީސް ކުރައްވާފައިވާ ހިނދު އެ މަސައްކަތް ހުއްޓުވަން ހެދޭނެ އެއްވެސް ގާނޫނެއް އަދި ގަވައިދެއް ވެސް ނޯންނާނެ،" އިޔާޒް ވިދާޅުވިއެވެ.
އީވާ ވިދާޅުވި ގޮތުގައި އިޔާޒް އެ ހުތުރު އަރުވަނީ މާތް ވެގެންވާ އިސްލާމް ދީނަށެވެ. އިސްލާމް ދީނަކީ އަންހެނުންނަށް އިހްތިރާމް ގޮވާލައި ބާރުވެރިކޮށް މުދާވެރި ކުރުމަށާއި އޯގާތެރިވުމަށް ގޮވާލާ ދީން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ