ރަތަފަންދޫ ސްކޫލްގައި ޕޮންޑެއް ހަދަނިކޮށް ގަބުރެއް ފެނިއްޖެ

ގދ. ރަތަފަންދޫ ސްކޫލްގައި ޕޮންޑެއް ހަދަނިކޮށް ގަބުރެއް ފެނިއްޖެއެވެ.
މި ގަބުރު ފެނިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ސްކޫލްގައި ޕޮންޑެއް ހެދުމަށް ވަޅެއް ކޮނުމުގެ ތެރެއިން ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އެރަށު ކައުންސިލްގެ ރައީސް، ހުނެއިފް އަސްލަމް "ވަގުތު" އަށް ވިދާޅުވީ، ޕޮންޑެއް ހެދުމަށް ވަޅެއް ކޮނުމުގެ ތެރެއިން ފެނިފައިވާ ގަބުރަކީ ބެލެވޭ ގޮތުގައި ބޮޑު މީހެއްގެ ގަބުރު ކަމަށާއި މީގެ ކުރިންވެސް ސްކޫލްގެ އެކި ކަންކަމުގައި ވަޅުކޮންނައިރު ގަބުރުތައް ފެނިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިފަދަ ގަބުރެއް ސްކޫލްގެ ތެރެއިން ފެނުމުން އިތުރު ގަބުރުތަކެއް ހުރެދާނެ ކަމަށް ބެލެވޭތީ، އިތުރު ސްކޫލްގެ އެކި ސަރަހައްދުތަށް ކޮނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އާންމު ގޮތެއްގައި ސްކޫލް ކޮންނައިރު ވަރަށް ގިނަ ގަބުރު ފެނޭ. ބެލެވޭ ގޮތުގައި ސްކޫލް އެޅިފައި އެހުރީ ގަބުރުސްތާނެއް މަތީ" ހުނެއިފް ވިދާޅުވިއެވެ.
މިއަދު އެރަށް ސްކޫލްގެ ތެރެއިން ގަބުރެއް ފެނިފައިވާއިރު، މީގެ ކުރިން ދަނޑުވެރިކަން ކުރަން ނުކުމެ އުޅުނު ބަޔަކަށް ރަށުގެ ފުއްޓަރު ފަރާތު، ބޯޅަ ދަނޑު ސަރަހައްދުންވެސް ތިން ގަބުރެއް ފެނިފައިވާ ކަމަށް ހުނެއިފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ