ބިދޭސީންނަށް ދެން ރަޖިސްޓަރީ ވެވޭނީ ޑިޕޮސިޓް ފައިސާ ދެއްކުމުން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ރަޖިސްޓަރީވާ މީހުންނަށް، ރެގިއުލަރައިޒޭޝަން އެމްޕްލޮއިމަންޓް އެޕްރޫވަލް (އާރުއީއޭ) ދެން ދޫކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އިއްޔެ އިން ފެށިގެން އާރުއީއޭ ދޫކުރަން ހަމަޖައްސާފައިވަނީ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރެގިއުލަރައިޒްކޮށް، އާރުއީއޭ ދޫކޮށްފައިވާ ބިދޭސީން ވެސް ވަޒީފާ އަދާކުރުމުގެ ހުއްދަ އިތުރުކުރެވޭނީ އެ އަށް ވާ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށް ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ މިއަދު ވިދާޅުވީ، ގަވައިދުގެ ތެރެއަށް ބިދޭސީން ފެއްތުމަށް އެމްޕްލޯޔަރުގެ އަތުން މީގެ ކުރިން ޑިޕޮސިޓް ފައިސާއެއް ނުނަގާ ކަމަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލުގެ ސަބަބުން، ވަޒީފާ އަދާކުރުމުގެ ހުއްދަ ހޯދުމަށް ޑިޕޮސިޓް ފައިސާ ދައްކަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 40،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރަޖިސްޓަރީ ވެފަ އެވެ. އިކޮނޮމިކް މިނިސްޓްރީން އަންނަނީ އެ ބިދޭސީންނަށް ވަޒީފާ ހޯދައިދިނުމަށް ވެސް އެހީތެރިކަން ދެމުންނެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ވަނީ ނަތީޖާތަކެއް ވެސް ހާސިލް ކުރެވިފަ އެވެ. އެގޮތުން، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުންނާއި ގައުމަށް އަނބުރާ ދާން ބޭނުންވެފައި ތިބި 8،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލާފައި ވެ އެވެ. މި އަހަރު 20،000 އެއްހާ ބިދޭސީން ފޮނުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރިން ވިދާޅުވެފައި ވެ އެވެ.
އެ މައްސަލައިގައި، މިދިޔަ ޖުލައި 13 ގައި ފައްޔާޒު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަނޑު ބޯޓެއްގައި ފޮނުވައި ނުލެވޭނެ ކަމަށެވެ. އެ މީހުންނަށް ފޮނުވައިލުމަށް ބަންގްލަދޭޝްގެ ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށާއި ގަދަކަމުން އެ ބިދޭސީން ފޮނުވާލަން އުޅޭ ނަމަ އެ އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އެއްވެސް ގޮތަކަށް ގަސްތެއް ނުކުރަން އަދިއެއް އެ މީހުންގެ ނުރުހުމުގައި ފޮނުވާކަށް. އެ ފުރުސަތު އެބަ އޮތް. އަޅުގަނޑާ ދިމާލަށް ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުނި ކަމުގައި ވީ ނަމަވެސް ދިވެއްސެއްގެ ހައިސިއްޔަތުން މިކަމުގައި އަޅުގަނޑު ލަދުވެތިވަން އެމީހުންނާ ދޭތެރޭގައި ދިވެހިރާއްޖޭގައި ކަންތައްތައް ވެފައި އޮތްގޮތުން،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ތާރީހުގައި ލިޔެވިގެން ދާން މިކަމުގައި ރާއްޖޭން ކަންކަން ކުރީ އިންސާފު ވެރިކަމާއެކުގައި ކަމަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ