ބިއުބޯނިކް ޕްލޭގު: ޗައިނާގައި އާ ބަލިމަޑުކަމެއް، ޑަބްލިއުއެޗްއޯ އިން ދަނީ މޮނިޓަކުރަމުން

ބެއިޖިން (ޖުލައި 8) - ޗައިނާގެ އުތުރުގެ އިނާ މޮންގޯލިއާ ސަރަހައްދުގައި ބިއުބޯނިކް ޕްލޭގު ފެތުރެމުންދާ ކަމަށާއި އެކަން ވަރަށް ފަރުވާތެރިކަމާ އެކު މޮނިޓާކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
މި ހަފުތާ ބަންދުގައި ވަނީ އިނާ މޮންގޯލިއާ އިން، ޖަނަވާރު ގެންގުޅޭ މީހަކަށް ބިއުބޯނިކް ޕްލޭގު ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާނަކު ވިދާޅުވީ ޗައިނާ އިން ވަނީ އެ ކޭސް ވަރަށް ރަނގަޅަށް މެނޭޖްކޮށްފައި ކަމަށާއި އެހެންވެ އެކަމުގެ ނުރައްކާ އެހާ ބޮޑު ނޫން ކަމަށެވެ.
ބިއުބޯނިކް ޕްލޭގަކީ ކުރިން ދުނިޔޭގައި އެންމެ ބިރު ބޮޑު އެއް ބަލިމަޑުކަމެވެ. ނަމަވެސް މިހާރު އެއީ ފަސޭހައިން ފަރުވާ ކުރެވޭ ބައްޔެކެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާން މާގަރެޓް ހަރިސް ވިދާޅުވީ ބިއުބޯނިކް ޕްލޭގު "އަހަރެމެންނާ އެކު އުޅޭތާ އެތައް ގަރުނެއް ވެއްޖެ" ކަމަށާއި ޗައިނާ އިން ފެނުނު ކޭސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
"މި ވަގުތަށް ނުރައްކަލެއް ނެތް. ޑަބްލިއުއެޗްއޯ އިން އަންނަނީ ވަރަށް ގާތުން އެކަން ބަލަމުން،" ހަރިސް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ އިނަ މޮންގޯލިއާ ސަރަހައްދުގެ މީހަކަށް ބިއުބޯނިކް ޕްލޭގު ޖެހުނުކަން އެ ޖަމާއަތަށް އެންގީ ހޯމަ ދުވަހު ކަމަށެވެ.
ބިއުބޯނިކް ޕްލޭގަކީ ކޮބާ؟
ބެކްޓީރިއާ އަކުން ޖެހޭ ބިއުބޯނިކް ޕްލޭގަކީ އިންސާނީ ތާރީޚުގައި އެންމެ ގިނަ ބަޔަކު މަރުވި އެއް ބަލިމަޑު ކަމެވެ. ބްލެކް ޑެތުގައި 14 ވަނަ ގަރުނުގައި ވަނީ އެފްރިކާ، އޭޝިއާ އަދި ޔޫރަޕުން ގާތްގަނޑަކަށް 50 މިލިއަން މީހުން މަރުވެފަ އެވެ.
އޭގެ ފަހުން ވެސް މި ބަލި ދޭތެރެދޭތެރެއިން ދުނިޔެއިން ފެނިފައިވެ އެވެ. ސޯޅަ ސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރުގެ ގްރޭޓް ޕްލޭގުގައި ލަންޑަނުގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުން މަރުވި އެވެ. ނަވާރަ ވަނަ ގަރުނުގައި ޗައިނާ އާއި އިންޑިއާ އިން ވަނީ 12 މިލިއަން މީހުން މަރުވެފަ އެވެ.
އެކަމަކު މިއަދު އެއީ އެންޓިބަޔޮޓިކް ދީގެން ފަރުވާ ކުރެވޭ ބައްޔެކެވެ. ނަމަވެސް، ޖަނަވާރުންގެ ފަރާތުން އިންސާނުން ޖެހޭ މި ބަލި ފަރުވާ ނުކޮށް ދޫކޮށްލައިފި ނަމަ މަރުވާ ރޭޓް 30-60 އަށް އަރާނެ އެވެ.
ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހޮޑުލަވާގޮތްވުން، ހީކެރުވުން، ކަރާއި ކިހިލިފަތް އަދި އުކުޅުވަޅުގެ ނިމްފް ނޯޑްތައް ދުޅަވުން އަދި ހަށިގަނޑު ބަލިކަށިކޮށްލުން ހިމެނެ އެވެ.
އެހެން ބަލިމަޑުކަމެއް ފެތުރިދާނެތަ؟
ބިއުބޯނިކް ޕްލޭގު މިހާރުވެސް ދޭތެރެދޭތެރެއިން ފެނެ އެވެ. މަޑަގަސްކަރައިގައި އެ ރޯގާ 2017 ވަނަ އަހަރު ފެތުރި 300 މީހުންނަށް ބަލި ޖެހުނެވެ. ނަމަވެސް ލާންސެޓް ޖާނަލް އިން ބުނެފައި ވަނީ އެ ގައުމުން އެ ފަހަރު މަރުވީ 30 މީހުން ކަމަށެވެ. މާމޮޓް ކިޔާ ޖަނަވާރެއްގެ ރޯ މަސް ކެއުމުގެ ސަބަބުން މިދިޔަ އަހަރުގެ މެއި މަހު މޮންގޯލިއާ އިން ވަނީ ދެ މީހުން މަރުވެފަ އެވެ.
"ބޮޑު ބަލިމަޑުކަމެއް ގޮތަށް އެ ބަލި ފެތުރުމުގެ ފުރުސަތު މިހާރު ކުޑަ. ސާދަ ވަނަ ގަރުނާ ތަފާތުކޮށް، މިހާރު އެނގޭ އެ ބަލި ފެތުރޭ ގޮތް. އެ ބަލިން ރައްކާތެރިވާނެ ގޮތް ވެސް އެނގޭ،" ސްޓެންފޯޑް ހެލްތު ކެއާގެ އިންފެކްޝަންސް ޑިޒީޒް ޑޮކްޓަރު ޝަންތީ ކައްޕަގޮޑާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ