މެސީ ފުޓްބޯޅަ ހަޔާތް ނިންމާލާނީ ބާސެލޯނާގައި: ކްލަބްގެ ރައީސް

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކްލަބް ބަދަލުކުރާނެކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، މެސީގެ ފުޓްބޯޅަ ހަޔާތް ނިންމާލާނީ އެ ކްލަބުގައި ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.
2017 ވަނަ އަހަރު ބާސެލޯނާއާ އެކު މެސީ އާކުރި އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު ކޮންޓްރެކްޓްގައި ވާގޮތުން ސީޒަނުގެ ވަކި ހިސާބަކުން އެހެން ކްލަބަކާއެކު އެއްބަސްވުމަކަށް ދިއުމުގެ ބާރު މެސީ އަށް އެބައޮތެވެ. އެހެންވެ މި ފަހަކަށް އައިސް މީޑިއާގައި އެންމެ ބޮޑަށް ދެކެވެނީ ކްލަބާ މެދު ހިތްހަމަނުޖެހުން ތަކެއް ހުރެ މެސީ ބާސެލޯނާގެ އާ އެއްބަސްވުމުގައި ސޮއި ނުކުރާނެ ވާހަކަތަކެވެ. މެސީގެ މި ހަބަރުތައް އެންމެ ގަދައަށް ދެކެވެނީ ސްޕެއިންގެ މީޑިއާގަ އެވެ. މީގެ ހަތަރު ދުވަސް ކުރިން ސްޕެނިޝް ރޭޑިއޯ ސްޓޭޝަން ކަޑޭނާ ސަރ އިން ރިޕޯޓްކޮށްފައިވާ ގޮތުން މެސީ ހުރީ ބާސެލޯނާގެ އެއްބަސްވުމަށް ފުރަގަސްދީ ކްލަބް ބަދަލު ކުރުމުގެ ވިސްނުމެވެ.
“އަހަރެމެން މިދަނީ އެއްބަސްވުން އާކުރުމާ މެދު ބައިވަރު ކުޅުންތެރިންނާ ވާހަކަދައްކަމުން، އެކަމަކު މެސީ ވަނީ ކްލަބުގައި މަޑުކުރަން ބޭނުންވާކަން ތަފްސީލުކޮށްދީފަ. އެހެންވީމަ މެސީއާ އެކު މި ކްލަބުން ހޭދަކުރާ އުފާވެރި ދުވަސްތައް ގިނަވާނެ” އާދީއްތަ ދުވަހުގެ ރޭ ދިން އިންޓަވިއުއެއްގައި ބާޓޮމެއު ވިދާޅުވި އެވެ.
ބާސެލޯނާގެ ކާމިޔާބީގެ މައި ތަނބު ކަމަށްވާ 33 އަހަރުގެ މެސީ ކްލަބް ދޫކޮށްލަން ބޭނުންވާކަމަށް ދެކެވޭ ވާހަކަތަކުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ކަމަކީ ކްލަބްގެ ނިންމުންތަކުގައި މެސީ ނުފޫޒު ފޯރުވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމެވެ. މި މައްސަލައިގައި މެސީގެ ހިތްހަމަނުޖެހުން އޮތީ އެކަމާއި ގުޅޭގޮތުން އޭނާގެ ދިފާއުގައި ބާސެލޯނާ އިން މަސައްކަތް ނުކުރުމުންނެވެ. ޓެކްސް އަށް މަކަރުހެދިކަމަށް މެސީގެ މައްޗަށް ކުރި ތުހުމަތަކީ ވެސް އޭނާ ކްލަބުގައި މަޑުކުރަން ބޭނުންނުވާ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ޓެކްސްގެ މައްސަލައިގައި މެސީ ވަނީ އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މޭރުމަކުން ވާހަކަދައްކައިފަ އެވެ.
މެސީ ބާސެލޯނާ ދޫކޮށްލާނަމަ ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުން ތިބީ އޭނާ ގެންދަން ތައްޔާރަށެވެ. އޭގެތެރޭގައި 2017 ވަނަ އަހަރު ވެސް އޭނާ ގެންދަން މަސައްކަތްކުރި މެންޗެސްޓަރ ސިޓީ އާއި އިޓަލީގެ ޔުވެންޓަސް އަދި ފްރާންސްގެ ޕީއެސްޖީ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ