އައްޑޫ ސިޓީގައި މަސައްކަތް ނުފަށައި ގިނަ ދުވަސްވެފައިވާ ގޯތިތަކަށް ހަ މަހުގެ މުއްދަތު ދީފި

ގޯތި ދޫކޮށް 20 އަހަރާއި 40 އަހަރު ވީ އިރު ވެސް ގެ އަޅަން ނުފަށައި ހުރި ތަންތަނުގައި މަސައްކަތް ފެށުމަށް ހަ މަސް ދުވަހުގެ މުއްދަތެއްދީ އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުފަށާ ފަރާތްތަކުގެ ގޯތިތައް ވަކިކުރާނެ ކަމުގެ ނޯޓިސް އައްޑޫ ސިޓީ ކައުންސިލުންދީފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު ]ސޯބެ[ މިއަދު ވިދާޅުވީ ދިރިއުޅުމަށް ދޫކުރާ ގޯތިތައް ހަވާލު ކުރާތާ ފަސް އަހަރުވާ އިރު ދިރިއުޅެން ނުފަށައިފި ނަމަ އެ ގޯއްޗެއް އަތުލުމުގެ އިހުތިޔާރު ގާނޫނުން ސަރުކާރަށް ލިބިފައިވާ ކަމަށެވެ.
"އެބަ ހުރި އިނގޭތޯ ގޯތި ހަވާލުކުރެވުނުތާ 20 އަހަރާއި 40 އަހަރު ވެފައިވީ އިރު ވެސް މަސައްކަތް ނުފަށާ ތަންތަން. އެ ގޯތިތަކުގެ ތެރޭގައި ގޭންގުތައް ހަދައި މާރާ މާރީ ހިންގައި ހަދާ. ގޯތިތަކުގެތެރެއަށް ކުނިއަޅައި މިފަދަ ކަންތައް ހިންގަމުންދޭ. އެހެންވެ އަޅުގަނޑުމެން ހަ މަސް ދުވަހުގެ މުއްދަތެއް މި ދިނީ،" ސޯބެ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ހަ މަސް ދުވަހުގެ ތެރޭގައި ގެ އިމާރާތް ކުރުމުގެ މަސައްކަތް ނުފަށާ ފަރާތްތަކުގެ އަތުން ގޯތި އަތުލަނީ ގޯތީގެ ވެރިފަރާތްތަކަށް ދަތިކުރުމަށް ނޫން ކަމަށާއި ގޯތި ހަވާލުކުރާތާ އެހާ ގިނަ ދުވަސްތަކެއް ވުމުން އެފަދަ ތަންތަނުގައި ކުށްތައް ކުރުން އިތުރުވެފައިވާތީ އެއީ ވެސް ބޮޑު މައްސަލައަކަށް ވެފައިވާތީ ކަމަށެވެ.
ބިމާ ބެހޭ ގާނޫނުގައި ބުނަނީ "ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި، އެ ގޯއްޗެއްގައި ދިރިއުޅެން ނުފަށައިފި ނަމަ، އެ ގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން އެ ގޯއްޗެއް ވަކިކުރުމުގެ އިހުތިޔާރު ސރުކާރަށް ލިބިގެން"ވާ ކަމަށެވެ.
ސޯބެ ވިދާޅުވީ ގެ އިމާރާތް ނުކުރެވިވާ ފަރާތްތަކަށް ލުއިފަސޭހަ އަކަށް ހެޔޮ އަގުގައި ގެ އަޅައިދޭނެ ފަރާތްތައް ސިޓީ ކައުންސިލުން ހޯދައިދީފައި ވެސް ވާނެ ކަމަށެވެ.
ސޯބެ ވިދާޅުވީ ކުރިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 20 އަހަރާއި 40 އަހަރު ވެފައިވާ ތަންތަނުގެ ތެރެއިން މަސައްކަތް ނުފަށާ ފަރާތްތަކަށް ހަ މަސް ދުވަހުގެ މުއްދަތު ދިނުމަށް ނިންމީ ކައުންސިލްގެ ބައްދަލުވަމަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ