މެމްބަރ ޣައްސާން ސަރުކާރަށް: އިޤްތިޞާދު ސަލާމަތްކުރުމަށް މާހިރުންގެ އިރުޝާދު ވެސް ހޯއްދަވާ

ކޮވިޑް- 19 އިން ރާއްޖެ ސަލާމަތް ކުރުމަށް ދިވެހި ސަރުކާރުން މެޑިކަލް ދާއިރާގެ ބޭފުޅުން އިރުޝާދު އަޑުއައްސަވާހެން ދިވެހި އިޤްތިޞާދު ސަލާމަތްކުރައްވަން، އިޤްތިޞާދީ މާހިރުންގެ އިރުޝާދު ހޯއްދެވުމަށް ދިވެހި ސަރުކާރަށް ތ، ގުރައިދޫ ދާއިރާގެ މެމްބަރ ޣައްސާން މައުމޫނު އިލްތިމާސްކުރައްވައިފިއެވެ.
މެމްބަރ ޣައްސާން މިކަމަށް އިލްތިމާސް ކުރެއްވީ މިހާރު ސަރުކާރުން އިޢުލާން ކުރައްވައިފައިވާ އިޤްތިޞާދީ ޕެކޭޖާ ގުޅޭ ގޮތުން މަޖިލީހުގައި ކުރެވެމުންދާ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޤައުމަށް ފައިދާހުރި ކޮންމެ ކަމެއްގައި އިކޮޅުފަރާތްތަކުގެ އެއްބާރުލަން ސަރުކާރަށް ލިބާނެ ކަމުގެ ޔަޤީން ކަން ޕީޕީއެމްގެ މަޖިލީސް މެމްބަރ ޣައްސާން ދެއްވިއެވެ.
"މިދަނޑުގައި އަޅުގަނޑުމެންނެއް ހަމަނުޖެހުން އުފައްދައި ނޫނީ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާ ކަންތައްތައް ކުރުމަކަށް ގޮވައެއް ނުލާނަން." ޣައްސާން ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮތުން މިދަނޑުވަޅުގައި އެޅުމަށް ކަނޑައަޅުއްވައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ދިގުރާސްތާއަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ޣައްސާން ވިދާޅުވިއެވެ. ޓޫރިޒަމްއަށް އެކަނި ބަރޯސާވުންދޫކޮށްލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"2013 ވަނަ އަހަރު ފެށިގެން 2018 ވަނަ އަހަރަށް ތަންފީޒު ކުރެވުނީ އިކޮނިމިކް ރިފޯމް އެޖެންޑާ އެއް. އެއި ޕީޕީއެމްގެ ރައީސް ޔާމީން މުޅި އިޤްތިޞާދު ބަދަލު ކުރެއްވުމަށް ފެށްޓެވި މަސައްކަތްޕުޅެއް. ޕޯރޓްގެ މަސައްކަތް ފަށްޓވައިފައި ވަނީ ބްރިޖުން ގުޅިފައި އޮތް ހުޅުމާލެއަކާ. މެޑިކަލް ދާއިރާ އަށް ގެންނަވައިފަށްޓަވައިފައިވާ ބަދަލުތައް އެހެރީ ރައްޔިތުންނަށް ފެންނަން." ޣައްސާން ވިދާޅުވިއެވެ.
ސަރުކާރުން މިހާރު އިޢްލާންކުރައްވައިފައިވާ އިޤްތިޞާދީ ޕެކޭޖްގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނިފައިވާކަމަށް މެމްބަރ ޣައްސާން ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި ލޯންތައް ލުއިކޮށްދެއްވުމާއި ވިޔަފާރިތަކަށް ފައިސާ ދެއްވުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. ބޮޑެތި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑި އެހީތެރިކަމެއް ދެއްވަން ޕެކޭޖްގައި ހިމަނައިފައިވާކަން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ދުނިޔޭގެ އިޤްތިޞާދީ މާހިރުންނާއި ރާއްޖޭގެ އިޤްތިޞާދީ މާހިރުން ވިދާޅުވާ ގޮތަށް ސްޓިމިއުލަސް ޕެކޭޖެއް ނުވަތަ ސީދާ އަސަރުކޮށްފައިވާ ރައްޔިތުންނަށް ފައިސާ ދިނުންމުގެ ޕެކޭޖެއް ތަޢާރަފް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
"މަހުންމަހަށް ދުވަހުން ދުވަހަށް އެމިހުން ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސޭނެ ގޮތަށް، އެމީހުންގެ އަތަށް ސީދާ ފައިސާ ދިނުން، އަނބުރާ ދައްކަންޖެހޭ ގޮތަކަށް ނޫން. ޓެކްސީ ޑްރައިވަރެއް ދުވަހުން ދުވަހަށް ލާރި ހޯދައިގެން ދިރިއުޅޭއިރު، ކުރިއަށް އޮތް އެއް އަހަރު ދުވަހު ތެރޭގައި ލިބޭނެ އާމްދަނީއެއް ޔަޤީން ނުވާއިރު ސެލްފް އެމްޕްލޯއިޑް މީހެއްގެ ޙައިޞިއްޔަތުން އެފައިސާ އަލުން ދެއްކޭނެ ކަމުގެ ޔަޤީންކަމެއް ނެތިއްޔާ ލޯނެއް ނަގާނީ ކިހިނެއްތޯ " މެމްބަރ ޣައްސާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ