ސިޔާސީ ހަ ޕާޓީއެއްގެ ފައިސާ މި އަހަރު ވެސް ދޫނުކޮށް އިލެކްޝަންސް އިން ހިފަހައްޓައިފި

ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ހަ ސިޔާސީ ޕާޓީ އަކަށް ދޫނުކޮށް ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މި އަހަރު ދައުލަތުގެ ބަޖެޓުން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ 15 ޕާޓީ އަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ނުވަ ސިޔާސީ ޕާޓީ އަކަށެވެ.
ފައިސާ ނުދީ ވަގުތީ ހިފަހައްޓާފައިވާ ޕާޓީތަކަކީ، 3609 މެންބަރުން ތިބި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އާއި 1982 މެންބަރުން ތިބި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އާއި 685 މެންބަރުން ތިބި ސޯޝިއަލް ލިބަރަލް ޕާޓީގެ (އެސްއެލްޕީ) އާއި 1814 މެންބަރުން ތިބި ޕީޕަލްސް ޕާޓީ އާއި 1541 މެންބަރުން ތިބި މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސް (އެމްއެންސީ) އަދި 944 މެންބަރުން ހިމެނޭ މޯލްޑިވިއަން ލޭބާ ޕާޓީ އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޕާޓީތަކުގެ ތެރެއިން ފައިސާ ނުދީ ހިފައްޓާފައިވާ ހަ ޕާޓީއަކީ މިދިޔަ އަހަރު ހުށަހަޅަން ޖެހޭ 2010 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާ ތިން ޕާޓީއަކާއި ފައިސާ ދޫކުރުމުގެ ކުރިން ކޮމިޝަނުން ބަލަން ޖެހޭ ބައެއް ކަންކަން ހުރި ތިން ޕާޓީ އެއް ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
އެ ހަ ޕާޓީއަކީ 2010 ވަނަ އަހަރު ވެސް އިލެކްޝަންސް ކޮމިޝަނުން ބަޖެޓު ހިފެހެއްޓި ހަ ޕާޓީ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ 2010 ވަނަ އަހަރު ފައިސާ ދޫނުކޮށް ފުރަތަމަ ހިފެހެއްޓި ޕާޓީތަކުގެ ތެރެއިން، ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން ޕީޕަލްސް ޕާޓީ (ޕީޕީ) އަށާއި ރީކޯ އިބްރާހިމް މަނިކު އުފައްދާފައިވާ މޯލްޑިވިސް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެސްޑީޕީ) އަށް ފަހުން ފައިސާ ދޫކުރެއްވި ކަމަށެވެ. އަދި 2009 ވަނަ އަހަރު ޕާޓީ ހިންގާފައިވާ ގޮތުގެ އޮޑިޓް ރިޕޯޓާއި ތަފްސީލް ފަހުން ހުށަހެޅި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަށާއި މޯލްޑިވިއަން ލޭބާ ޕާޓީ އަށް ވެސް ވަނީ ފަހުން ފައިސާ ދޫކޮށްފަ އެވެ.
މީގެ އިތުރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އަށާއި ސޯޝިއަލް ލިބަރަލް ޕާޓީއަށް އަހަރު ނިމުނު އިރުވެސް ފައިސާ ދޫކޮށްފައިނުވާ ކަމަށް ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ނިންމާފައިވާ ޕާޓީތަކަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފިނޭސް މިނިސްޓްރީއަށް އަންގަވާފައި ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުގައި ވެސް ސިޔާސީ ފާޓީތަކަށް ދޫކުރުމަށް 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ