ރާއްޖެ އަށް ގެނެސްފައި ވަނީ އާ ވައްތަރެއްގެ ބަޣާވާތެއް: ޑރ. ހަސަންގެ އޯޑިއޯ

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްފައި ވަނީ، މުޅިން އާ ވައްތަރެއްގެ "ބަޣާވާތަކުން" ކަމަށް ރައީސް މުހަންމަދު ވަހީދު ހަސަން މަނިކުގެ އެޑްވައިޒަރު ޑރ. ހަސަން ސައީދު ވިދާޅުވާ އޯޑިއޯއެއް އާންމުކޮށްފި އެވެ.
ސޯޝަލް ނެޓްވޯކްތަކުގައި މި އޯޑިއޯ އާންމުކޮށްފައިވާއިރު، ހަމަ މިފަދަ އެހެން އޯޑިއޯއެއް އިއްޔެ ވެސް ވަނީ އާންމުކޮށްފަ އެވެ. އިއްޔެގެ އޯޑިއޯގައި ޑރ. ހަސަން ވިދާޅުވަނީ، ނަޝީދުގެ ނާއިބު ރައީސަކަށް ޑރ. ވަހީދު ހުންނެވިއިރު ވެސް އެ މަނިކުފާނަކީ، ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ ބަލިކަށި ބޭފުޅާ ކަމަށެވެ.
ރޭގެ ވަގުތެއްގައި އާންމުކޮށްފައިވާ ކަމަށް ބެލެވޭ އާ އޯޑިއޯ ކްލިޕްގައި ޑރ. ހަސަން މަސައްކަތް ކުރައްވާފައި ވަނީ، ބަޣާވާތަކުން ވެރިކަން ބަދަލުކުރުމަކީ ކޮބައިކަން ބަޔަކަށް ސާފުކޮށްދެއްވުމަށެވެ. އެ އޯޑިއޯއިން އެނގޭ ގޮތުން އޭނާ ވާހަކަ ދައްކަވާފައި ވަނީ ޕޮލިޓިކަލް ސައިންސް ކިޔަވަމުންދާ ދަރިވަރުންތަކަކާ އެވެ.
ޑރ. ހަސަން ވަނީ، މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމާއި ފިލިޕިންސާއި ލީބިއާގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރުމަށް ފަހު، އެ ގައުމުތަކުގެ ވެރިންނަށް ދިމާވި ކަންކަމާ ބެހޭ ގޮތުން އެ އޯޑިއޯގައި ވާހަކަ ދައްކަވައިފަ އެވެ.
"މި ކަހަލަ ގޮތަކަށޭ ބައި ޑެފިނިޝަން، އިން ޕްރެކްޓިސް ކޫ އަޅުގަނޑުމެންނަށް މި ފެންނަނީ. އެހެންވީމަ ރާއްޖެ ވެގެން މި ދިޔައީ އާ ކެޓަގަރީ އޮފް ކޫ އަކަށޭ. ވީ ހޭވް އަ ކޫ،" ޑރ. ހަސަން ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ، ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، މިހާރުގެ ރައީސް ވަހީދު ވެރިކަމަށް ވަޑައިގަތީ، ގާނޫނު އަސާސީގެ އިމުގެ ތެރެއިން ކަމަށެވެ.
"އެހެންވީމަ ވަރަށް ޔުނީކް ކޭސްއެކޭ މިއީ އަޅުގަނޑުމެން ސްޓަޑީ ކުރަން ދޯ. އެހެންވީމަ ނޯމަލް ޑެފިނިޝަން އޮފް ކޫ އަށް އިތުރު ކެޓަގަރީއެއް މި ފަހަރު އަޅުގަނޑުމެން އެޑް ކުރަން ޖެހޭނީ. އަޅުގަނޑުމެން ދަންނަ އެއްޗިއްސާ [މި އިންގިލާބު] ތަފާތު ވެއްޖެ ކޮންމެ ގޮތެއް ވިޔަސް. އަޅުގަނޑުމެން އާންމުކޮށް ދަންނަ މިސާލުތަކާ ތަފާތު އެބަވެއޭ. ކޫއަށް ފަހު އައި މީހާ ވެސް މީގައި ތަފާތު ވެއްޖެ. ކޫއަށް ފަހު ވަކިކުރާ މީހާއާ މެދު ކަންތައް ކުރާ ގޮތާ މެދު ވެސް ކޮންމެވެސް ވަރަކަށް މީގައި ތަފާތު."
މި އޯޑިއޯއާ ބެހޭ ގޮތުން، ޑރ. ހަސަން ވިދާޅުވީ، އެއީ އިއްޔެ އާންމުކުރީ އޯޑިއޯގެ ބައެއް ކަމަށާއި އޭނާ ވާހަކަ ދައްކަވަނީ ވެސް އެއް ބަޔަކާ ކަމަށެވެ. ޑރ. ހަސަން ވިދާޅުވި ގޮތުގައި، އޭނާ ވާހަކަ ދައްކަވަނީ، ދާދިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި އުޅޭ ދިވެހި ކިޔަވާ ކުދިންތަކަކާ އެވެ. އަދި މަސައްކަތް ކުރެއްވީ، "ރާއްޖެ އަށް ގެނައީ ކޫ އެއް ވެއްޖިއްޔާ މިއީ އާ ވައްތަރެއްގެ ކޫ އެއް" ކަމަށް އެ ދަރިވަރުންނަށް ބުނެދިނުމަށް ކަމަށް ވެސް ޑރ. ހަސަން "ހަވީރަ" ށް ވިދާޅުވި އެވެ.
"މިސާލަކަށް ޕާކިސްތާނަށް ގެނައި ކޫ އަށް ފަހު ބުއްޓޫ [ކުރީގެ ބޮޑުވަޒީރު ބޭނަޒީރުގެ ބައްޕާފުޅު] ދަން ޖައްސާލީ. ލީބިއާގެ އިންގިލާބަށް ފަހު ގައްޒާފީ މަރާލީ. ފިލިޕީންސްގައި މާކޯސް ފިލީ. އެކަމަކު ރާއްޖޭގައި މި ގެނައީ ކޫ އެއް ވެއްޖިއްޔާ އެ ގޮތަކަށް ކަމެއް ނުހިނގައޭ އަޅުގަނޑު ބުނީ. ކޫ އަކުން ވެރިކަން ބަދަލުކުރިއްޔާ، މިހާރުގެ ރައީސްއަށް ސިފައިންނާއި ފުލުހުންގެ ހިމާޔަތް އެބަ ލިބޭ. ކެބިނެޓް ޖަލްސާތައް އެބަ ބާއްވާ. ތަންތަނަށް ވަޑައިގެން މީހުންނާ ސަލާން ގަލާން އެބަ ކުރައްވާ. ވެރިކަމުން ވަޑައިގެންނެވި ބޭފުޅާ އަށް ވެސް ހިމާޔަތް އެބަ ލިބޭ. މީހުންގެ ތެރޭގައި އެބަ އުޅުއްވާ. އެހެންވީމަ ރާއްޖެއަށް ގެނައީ ކޫ އެއް ވެއްޖިއްޔާ އާ ވައްތަރެއްގެ ކޫއެއް މިއީ،" ޑރ. ހަސަން ވިދާޅުވި އެވެ.
މިވަގުތު ރައީސް ވަހީދުގެ އަރިހުގައި ފުވައްމުލަކުގައި ހުންނެވި ޑރ. ހަސަން ވިދާޅުވީ، އެ އޯޑިއޯ އެޑިޓްކޮށް، ވަކި ގޮތަކަށް މީހުންނަށް ވިސްނައިދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިއީ އާ ވައްތަރެއްގެ ކޫއެއް ކަމަށް ޑރ. ހަސަން ވިދާޅުވާ އޯޑިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ