ކެމްޕެއިންގައި ރައީސް ބައިވެރިވުމަކީ މިހާރުގެ ސިޔާސީ ހަގީގަތް: ރައީސް ނަޝީދު

އެހެން ގައުމުތަކުގައި ވެސް އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީއެއްގެ ރައީސް ނުވަތަ ބޮޑުވަޒީރު ކެމްޕެއިންތަކުގައި ބައިވެރިވާ މިންވަރަށް އަދި ބައިވެރިވާ އުސޫލުން "އަޅުގަނޑުމެންވެސް އެކަން ކުރަމުން ގެންދާނެ" ކަމަށާއި "އެއީ މިހާރުގެ ސިޔާސީ ހަގީގަތް. އެއީ މި ރާއްޖޭގެ ގާނޫނުއަސާސީގެ ރޫހު" ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ކެމްޕެއިންގައި އެކިބޭފުޅުންނާ ބައްދަލުކުރައްވައި އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މަސައްކަތުގައިވެސް އުޅުއްވާ ކަމަށާއި "އެކަން ވެސް އަޅުގަނޑުމެން ކުރަމުން ގެންދަން ޖެހޭނީ ޑިމޮކްރަސީއެއްގައި އެކަންކުރާ އުސޫލުން" ކަމަށެވެ.
އަދި އެމަނިކުފާނު ވިދާޅުވީ ކެމްޕެއިންގައި ނުކުރަންވީ ކަންކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"ދެން އަޅުގަނޑުމެން އެކަން ހިންގަންވީ ގޮތް އަދި މުޅިން ސާފުނުވާ ބޭފުޅުން ނެތް ކަމަށް އަޅުގަނޑު ދަންނަވަނީކީއެއް ނޫން. އަދި ކުރަމުން މިއަންނަ ކަމަކީ ކޮބައިކަންވެސް ސާފުނުވާ ބޭފުޅުން ނެތްކަމަށް ދަންނަވަނީކީ ނޫން. އެހެން ނަމަވެސް، ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން އެންމެނަށްވެސް އެބަ އެނގޭ، ނުކުރާންވީ ކޮންކަމެއްކަން،" ރައީސް ވިދާޅުވި އެވެ. "ނުކުރާންވީ ކަމަކީ ދައުލަތުގެ އާރާއި ބާރު ބޭނުންކޮށްގެން، އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް އެއްވެސް ބޭފުޅަކު ކޮށްގެން ނުވާނެ. ދައުލަތުގެ އެއްވެސް ބޭފުޅެއްވެސް. އަދި އަމިއްލަ ފަރާތެއްގެ ފަރާތުންވެސް، ވަކި ފަރުދެއްގެ ފަރާތުންވެސް މިދެންނެވި ބާވަތުގެ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ."
ކައުންސިލް އިންތިޚާބަށް ވާދަކުރާ ފަރާތްތަކަށް ވާދަވެރިކަމާއި ސުލްހަވެރިކަމާ އެކީގައި ކެމްޕެއިންތައް ކުރަމުން ގެންދެވޭކަމީ، ރާއްޖޭގެ ޑިމޮކްރަސީ ތަސައްރަފް ފުދިގެން އަންނަ މިންވަރު ދައްކައިދޭ ވަރަށް ރަނގަޅު މިންގަނޑެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޑިމޮކްރަސީއަކަށް ހިނގާ ވެރިކަމެއްގައި އަދި ޑިމޮކްރަސީއަކަށް ހިނގާ މުޖްތަމައެއްގައި، ތަރައްގީއަށް ބެލިކަމުގައި ވިޔަސްވެސް އަދި އެހެން ކޮންމެ ކަމަކަށް ބެލިކަމުގައި ވިޔަސްވެސް، އެންމެ ފުރަތަމަ އަސާސަކީ އިންތިޚާބެވެ. އަދި އެ އިންތިޚާބު ބިނާވެފައި އޮންނަނީ، ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުގެ މައްޗަށް ކަމަށާއި އެ ހައްގަށް ބަދަލު ނާންނަހާ ހިނދަކު، އިންތިޚާބާ ގުޅޭ އެއްވެސް ކަމަކަށް ބަދަލު އަންނާނެ އެއްވެސް ސަބަބެއް ގައުމުތަކުގައި ފެނިފައެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުގެ ވައުދުތައް ފުރިހަމަވަމުންދާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ސަރުކާރުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމަށް 70 ޕަސެންޓް މިހާރު ވެސް ލިބިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޯގާތެރި ސަރުކާރެއް، އޯގާތެރި ވެރިކަމެއް، ހެޔޮވެރިކަމެއް ހިންގުމަށް މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ރާއްޖޭގެ ގިނަ ރައްޔިތުން ހެކިވާނެ ކަމަށާއި މިމަސައްކަތް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމުގެ ވައުދަށް ބައްލަވާލައްވަމުން، މާލެއާއި ހުޅުމާލެއަށް ކުރާ ދަތުރާއި މާލެއާއި ވިލިނގިއްޔަށް ކުރާ ދަތުރުނުލައި، މިހާތަނަށް 360،000 އަށް ވުރެ ގިނަ ދަތުރުވެރިން މިނިޒާމް ބޭނުންކޮށްފައިވާކަމީ ވަރަށްބޮޑު ހިތްވަރެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރަށްރަށުގެ މެދުގައި ގާއިމްކުރެވޭ ފެރީ ނިޒާމްގެ އިތުރުން، ރާއްޖެ ފެރީއެއްވެސް ގާއިމް ކުރެވޭނެ ކަމަށް ވިދާޅުވެ، އެއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއް އެކުގައި ގުޅާލެވޭނެ ނިޒާމެއްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އޭގެއިތުރުން، ސައުތު އޭޝިޔާ ފެރީއެއްގެ މަޝްރޫއާ ގުޅޭގޮތުން ސާކާ ވާހަކަ ދެކެވެމުން އެބަދާ ކަމަށާއި މިފަހަރުގެ ސާކް ސަމިޓް އައްޑުއަތޮޅުގައި ބާއްވާއިރު ސައުތު އޭޝިޔާ ފެރީގެ ނިޒާމާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި އެއްބަސްވެވިގެން ސާކް ގައުމުތަކުގެ ރައްޔިތުންނަށްދެވޭ ޚިދްމަތަކަށް މިޚިދްމަތް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ