ހުޅުމާލޭގެ ފަސްތަރީގެ ހޮޓަލަށް އަށް ފަރާތަކުން ބީލަން ހުށަހަޅައިފި

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ފަސްތަރީގެ ހޮޓަލެއް އަޅައި އެތަނަށް އިންވެސްޓްކުރުމަށް އަށް ފަރާތަކުން މިއަދު ބީލަށް ހުށަހަޅައިފި އެވެ.
ހުޅުމާލޭގެ ހުޅަނގު ފަރާތު އަތިރިމަތީގައި ހަދާ މި ހޮޓާ އިމާރާތްކޮށް، ހިންގުމަށް މިއަދު ބީލަށް ހުށަހެޅި އަށް ފަރާތަކީ އަމީން ކޮންސްޓްރަކްޝަނާއި މ. ފްރެންޑްޝިޕް މުހައްމަދު ހަލީމާއި އެޕަލް ކްރޮސް ކޮމްޕެނީ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އޯޕަން ސީސް ޕްރައިވެޓް ލިމިޓެޑާއި ވިސްޓާ ކޮމްޕެނީ އެންޑް ޓްރެވެލް ސާވިސް އާއި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ އަދި އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުއްޔެއް ހުށަހަޅާފައި ވަނީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިންނެވެ. އެ ކުންފުނިން 10 އަހަރު ދުވަހުގެ ކުލީގެ ގޮތުގައި އަހަރަކު އެނދަކަށް 15،010 ޑޮލަރު ހުށަހަޅައިފަ އެވެ. އަމިއްލަ ރިސޯޓު، އދ. ވަކަރުފަޅި ދާދި ފަހުން ދަށް އައެއްގައި ވިއްކާލާފައިވާ އެސްޓީއޯ އިން ވަނީ މީގެ ކުރިން ވެސް ގދ. ކާޑެއްދޫ އެއާޕޯޓުގައި ހަދާ ޓޫރިސްޓް ހޮޓަލަށް ބީލަން ހުށަހަޅައިފަ އެވެ. އެކަމަކު އެ ބީލަން އެސްޓީއޯއަށް ކާމިޔާބެއް ނުވެ އެވެ.
ހުޅުމާލޭގައި ޓޫރިސްޓް ހޮޓާ އެޅުމަށް އެންމެ ދަށް ކުއްޔެއް ހުށަހަޅާފައި ވަނީ އެޕަލް ކްރޮސް ކޮމްޕެނީންނެވެ. އެ ކުންފުނިން 10 އަހަރުގެ ކުލީގެ ގޮތުގައި އަހަރަކު އެނދަކަށް ހުށަހަޅާފައި ވަނީ 1،650 ޑޮލަރެވެ.
ހުޅުމާލޭގެ ޓޫރިސްޓް ހޮޓާ އެޅުމަށް ބީލަން ފޮތް ވިއްކުމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، 14 ފަރާތަކުން ބިޑް ޑޮކިއުމަންޓް ގަނެފައިވެ އެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބީލަން ހުށަހެޅި އަށް ފަރާތުގެ ބީލަން ޑޮކިއުމަންޓްތައް އިވެލުއޭޓް ކުރުމަށް ފަހު، ބީލަން ކާމިޔާބުކުރާ ފަރާތެއް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އިއުލާން ކުރެވޭ ވަރުވާނެ ކަމަށެވެ.
ހުޅުމާލޭގެ ޓޫރިސްޓް ހޮޓާ ލަސްވެގެން ނުވަ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އޭގެ ތެރެއިން ފުރަތަމަ 300 އެނދުގެ މަސައްކަތް ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އަދި ބާކީ އޮންނަ ހަ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި އަނެއް 200 އެނދުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.
ހުޅުމާލޭގައި ޓޫރިސްޓް ތިން ހޮޓާ އެޅުމަށް މާސްޓަޕްލޭނުގައި ހިމަނާފައިވީ ނަމަވެސް މި އަހަރު އަޅަނީ އެންމެ ހޮޓަލެކެވެ. އެޗްޑީސީން ބުނެފައި ވަނީ ހުޅުމާލޭގައި އަޅާ ޓޫރިސްޓް ހޮޓަލުގައި ރަލާއި ސްޕާ އާއި ގޮނޑުދޮށެއްގެ ހިދުމަތް ނުލިބޭނެ ކަމަށެވެ. އަދި ބައެއް އިންވެސްޓަރުން ވަނީ މިދިޔަ މަހު ބޭއްވި ޕްރީ ބިޑް މީޓިންގައި އެކަމާ ބެހޭ ގޮތުން ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ