ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ވޯޓު ގުނަން ފަށައިފި

50: 19
ޕާކިސްތާނުގައި މިއަދު ބޭއްވި އާންމު އިންތިޚާބުގައި ވޯޓު ނަގަމުން ދިޔަ 000` 64 ވޯޓު ނަގާ މަރުކަޒު ބަންދުކޮށް، ވޯޓު ގުނުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދާ ކަމަށް އެ ގައުމުގައި ތިބި ބައިނަލްއަގުވާމީ މުރާސިލުން ޚަބަރުދެ އެވެ.
ސަލާމަތީ ކަންތައް ބެލެހެއްޓުމަށް 000` 80 ސިފައިން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، ބައެއް ސަރަހައްދުތަކުގައި ބަޑި ޖެހުމާއި ބޮން ގޮއްވުމުގެ ސަބަބުން އިންތިޚާބަށް ހުރަސް އެޅިފައިވެ އެވެ. މިފަދަ ހާދިސާތަކުގައި ބައެއް ކެންޑިޑޭޓުންނާއި އާންމުން މަރުވެ އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން ހަތަރު ދާއިރާއެއްގެ ވޯޓުލުން ވަނީ ފަސްކޮށްފަ އެވެ.
ބޮން ގޮއްވުމާއި ބަޑިޖެހުމުގެ ހާދިސާތަކުގެ ބިރުވެރިކަން ފެތުރިފައި ވުމުން މިއަދުގެ ވޯޓުލުމުގައި ބައިވެރިވި މީހުންގެ އަދަދު ބައެއް ދާއިރާތަކުގައި ވަރަށް މަދުކަމަށްވެ އެވެ.
ސަރުކާރުން ވޯޓު އޮޅުވައިލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް، ރައީސް މުޝައްރަފް ވަނީ މިއަދުގެ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަދުގެ އިންތިޚާބު ކޮންމެ ޕާޓީއަކުން ކާމިޔާބުކުރެއްވި ނަމަވެސް، އެ ބޭފުޅަކާ އެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް މުޝައްރަފް މިއަދު ވިދާޅުވި އެވެ.
އިއްޔެ އާއި މިއަދު ހިނގި ހާދިސާތަކުގައި އަށް މީހަކު މަރުވެ 80 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ދާޚިލީ ވުޒާރާ އިން ހާމަކުރި އެވެ.
މިއަދުގެ އިންތިޚާބުގައި ވާދަކުރި މައިގަނޑު ތިން ޕާޓީއަކީ އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ އާއި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ނިސްބަތްވާ ޕާކިސްތާން މުސްލިމް ލީގް (ނަވާޒް) އާއި މިހާރުގެ ރައީސް މުޝައްރަފަށް ނިސްބަތްވާ ޕާކިސްތާން މުސްލިމް ލީގް (ކިޔޫ) އެވެ.
30: 15
އިސްލާމްއާބާދު) 18 ފެބުރުއަރީ(- ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ޕާކިސްތާނުގެ އާންމު އިންތިހާބު މިއަދު ބާއްވައިފި އެވެ.
އިންތިހާބާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތައް ހިނގާފައި ވާއިރު މިއަދު ވެސް އެކި ހިސާބުތަކުގައި ވަނީ ބޮމާއި ބަޑީގެ ހަމަލާތައް ދީފަ އެވެ.
އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 81 މިލިއަން މީހުންނަށް ލިބިފައި ވާއިރު އޭގެ ތެރެއިން 36 މިލިއަން މީހުންނަކީ އަންހެނުންނެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ ބައެއް ހިސާބުތަކުގައި އަންހެނުންނަށް ވޯޓު ދިނުމުގެ ހައްގު ލިިބިފައި ނުވާ ކަމަށެވެ. އެގޮތުން ޕިޝާވަރުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ މަރުކަޒަކަށް އަންހެނުން ދިއުން މަނާކޮށްފައިވާ ކަމަށްވެ އެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި އަންހެނުން ވޯޓުލާން ނުދިޔައީ އެއީ ހަރާމް ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުވާ ދީފައި ވާތީ ކަމަށް ފުލުހުން ބުންޏެވެ.
އިންތިހާބާ ބެހޭ ކޮމިޝަނުން ބުނެފައި ވަނީ އަންހެނުން ވޯޓު ދިނުމަށް ހުރަސް އަޅާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ވޯޓުލާ ސަރަހައްދުތަކުގައި ތިބި ބައިނަލްއަގުވާމީ ނޫސްވެރިން ބުނާގޮތުގައި، އިންތިޚާބުގެތެރޭގައި ހަމަލާތައް ދިނުމުގެ ބިރުވެރިކަން ފެތުރިފައި ވާތީވެ، ބައެއް ސަރަހައްދުތަކުގައި ވޯޓުލުމަށް ދިޔަ މީހުންގެ އަދަދު ވަރަށް މަދެވެ. ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާގޮތުގައި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ބޭނަޒީރު ބުއްޓޫގެ ޕީޕަލްސް ޕާޓީއިންނެވެ. އެހެން ނަމަވެސް ޕާކިސްތާނުގެ ދަނޑުވެރިންނާއި ވަރަށް ގިނަ ފަގީރުން މުޝައްރަފަށް ތާއިދުކުރާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ޕާކިސްތާނުގައި މި އަދު ބާއްވާ އިންތިހާބުގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ކަންތައްތައް ހިނގުމުގެ ބިރު އެބައޮތް ކަމަށް އެ ގައުމުގެ އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފަ އެވެ. އަދި ވޯޓު އޮޅުވާލައިފި ނަމަ ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގާނެ ކަމަށް ވެސް އިންޒާރު ދީފައިވެ އެވެ.
ތަޖުރިބާކާރުން ވިދާޅުވާގޮތުގައި މިނިވަން އަދި އިންސާފުވެރި ގޮތެއްގައި އިންތިޚާބުގެ ކަންތައްތައް ގޮސްފިނަމަ އެންމެ ބޮޑު ތިން ޕާޓީ އަށް އައުލަބިއްޔަތު ލިބުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޕާކިސްތާނުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީތަކަށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑި ކާމިޔާބެއް ނުކުރެވޭނެ އެވެ. މި ގޮތަށް ކަންތައްތައް ގޮސްފިނަމަ، މި ދެޕާޓީ )ބޭނަޒީރާއި ނަވާޒް ޝަރީފުގެ ޕާޓީން( ހިމެނޭ ގޮތަށް، މުޝައްރަފަށް ތާއީދުކުރާ ޕާޓީއާ ގުޅިގެން ސަރުކާރެއް އެކުލަވާލުމަކީ ކައިރި ކަމެކެވެ. މިފަދަ ހާލަތެއްގައި، އިދިކޮޅު ޕާޓީތަކުން މުޝައްރަފާ ދެކޮޅަށް ދައުވާ ކުރުމަށް މަސައްކަތް ކޮށްފިނަމަ، މުޝައްރަފަށް ތާއީދު ކުރާ ޕާޓީން އެ ފަދަ ކަންތައްތަކަށް ހުރަސް އަޅާނެ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ނަވާޒް ޝަރީފް ވިދާޅުވެފައި ވަނީ މަގާމުން ވަކިކޮށްފައިވާ ފަނޑިޔާރުންނަށް އަލުން ވަޒީފާ ދިނުމުން ނޫނީ މުޝައްރަފާ އެކު ގުޅިގެން މަސައްކަތް ނުކުރައްވާނެ ކަމަށެވެ. ބޭނަޒީރުގެ ޕާޓީ އާއި ނަވާޒް ޝަރީފުގެ ޕާޓީއަށް ޕާލިމެންޓުގެ ގޮނޑިތަކުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، އެ ދެ ޕާޓީން މުޝައްރަފާ ދެކޮޅަށް ދައުވާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.
ޕާކިސްތާނުގެ ރައީސް ޕަރްވޭޒް މުޝައްރަފާއި އޭނާގެ ސަރުކާރުން އެތައް ފަހަރަކު ބުނެފައި ވަނީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށެވެ. އަދި ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް އެއީ މައްސަލައެއް ނޫން ކަމަށާއި، އެ ކަމާ ކަންބޮޑުވެ ވަޑައި ނުގަންނަވާ ކަމަށް ވެސް މުޝައްރަފު ވިދާޅުވެފައިވެ އެވެ.
ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާނު ކުރާނެ އެވެ.
25: 14
ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު، ޕާކިސްތާނުގެ އާންމު އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެ އެވެ.
އިންތިހާބާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތައް ހިނގުމުގެ އިތުރުން މިއަދު ވެސް އެކި ހިސާބުތަކުގައި ބޮމާއި ބަޑީގެ ހަމަލާތައް ދީފައިވާ އިރު، ވޯޓު ލާން ނުކުތް މީހުން ބުނަނީ އެމީހުން ވަކީލުކުރަނީ ﷲ އަށް ކަމަށެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 81 މިލިއަން މީހުންނަށް ލިބިފައި ވާއިރު އޭގެ ތެރެއިން 36 މިލިއަން މީހުންނަކީ އަންހެނުންނެވެ. ނަމަވެސް ބައެއް ހިސާބުތަކުގައި އަންހެނުން ވޯޓު ދިނުމަށް ދީނީ އިމާމުން ހުރަސްއަޅަމުންދާ ކަމަށްވެ އެވެ. އަންހެނުން ވޯޓުލުމަކީ ހަރާމް ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުވާ ދީފައި ވާތީ ޕިޝާވަރުގައި އަންހެނުން ވޯޓުލާކަށް ނުނިކުމެ އެވެ.
ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާގޮތުގައި އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ ބޭނަޒީރު ބުއްޓޫގެ ޕީޕަލްސް ޕާޓީ އެވެ.
މިއަދުގެ އިންތިޚާބުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި އަވަހާރަކޮށްލެވިފައިވާ ބޭނަޒީރު ބުއްޓޫގެ ފިރިކަލުން އާސިފް އަލީ ޒަރްދާރީ އާއި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވެސް މިހާރު ވަނީ ވޯޓު ލައްވައިފަ އެވެ.
އިންތިޚާބުގެ ތެރޭގައި ހަމަނުޖެހުން ހިނގިޔަ ނުދިނުމަށް ސަރުކާރުން ވަނީ 000` 80 ސިފައިން ސަލާމަތީ ކަންތަކަށް ނެރެފަ އެވެ. ނަމަވެސް ވޯޓުލުން ފެށުމަށް 24 ގަޑިއިރަށް ވުރެ ވެސް ކުޑަވެފައި ވަނިކޮށް އިއްޔެ ހަވީރު ދިން ހަމަލާތަކެއްގައި ހަ މީހަކު މަރާލާފައިވެ އެވެ. އޭގެ ތެރޭގައި އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓަކާއި އޭނާގެ ހަށިފާރަވެރިން ވެސް ހިމެނެ އެވެ.
ރާއްޖޭ ގަޑިން މިއަދު ހެނދުނު އަށެއް ޖެހިއިރު ވޯޓުލުން ފަށާފައިވާ އިރު، ވޯޓުލުން ނިންމައިލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ފަހެއް ޖަހާއިރެވެ. އަދި ވޯޓުގެ ފުރަތަމަ ނަތީޖާ މިރޭ 10 ޖަހާއިރު އިއުލާންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އިންތިޚާބުގައި ރައީސް މުޝައްރަފް އެއްވެސް ދާއިރާއަކުން ވާދައެއް ނުކުރައްވަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އިންތިޚާބުގެ ނަތީޖާ، މުޝައްރަފްގެ ވެރިކަމުގެ ބައިވެރިންނަށް ފަހިވާ ގޮތަށް ބަދަލުކޮށްލާނެ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ