ޖައްވި ދިރާސާތައް ކުރުމުގެ ރޮނގުން އިތުރު ފިޔަވަޅެއް ހަނިމާދޫ އޮބްޒަވޭޓަރީ އަކީ އެޓްމޯސްފެރިކް ތަހުލީލުތައް ކުރުމަށް އެޅުނު ބިންގަލެއ

ހަސަން އާމިރު
އޭޝިއަން ބްރައުން ކްލައުޑް (އޭ.ބީ.ސީ) ނުވަތަ އިރުވައި މޫސުމުގައި ރާއްޖެ މައްޗަށް އަރަމުން އަންނަ ނުސާފު މުށި ވިލާގަނޑާ ބެހޭ ދިރާސާތައް ރާއްޖޭގައި ކުރަން ފެށުމަކީ އެޓްމޯސްފެރިކް ކެމިސްޓްރީން ރާއްޖެ އަށް ހޯދުނު ބޮޑު ކާމިޔާބީ އެކެވެ. ކުރިމަގުގައި ޖައްވީ މިފަދަ ދިރާސާތަކަށް ހުޅުވިގެން ދިޔަ އިތުރު ދޮރެކެވެ.
މުށި ވިލާގަނޑާ ބެހޭ ދިރާސާތައް ކުރަން ފަށައިފައި ވަނީ ހދ. ހަނިމާދޫގައި ހުންނަ ކްލައިމެޓް އޮބްޒަވޭޓަރީގަ އެވެ. ތަހުލީލުތައް ކުރިއަށް ގެންދަނީ އދ. ތިމާވެއްޓާ ބެހޭ ޕްރޮގްރާމް، ޔުނެޕާއި އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ސެންޓަ ފޯ ކްލައުޑްސް، ކެމިސްޓްރީ އެންޑް ކްލައިމެޓް (ސީ 4) އަދި ތިމާވެއްޓާ ބެހޭ މިނިސްޓްރީ ގުޅިގެންނެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ނައިބް އަބުދުﷲ މަޖީދު މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ ހަނިމާދޫ އޮބްޒަވޭޓަރީގައި މަސައްކަތް ފެށުމަކީ އެޓްމޯސްފެރިކް ކެމިސްޓްރީގެ ތަހުލީލް މަރުކަޒެއްގެ ބިންގާ އެޅުން ކަމަށެވެ.
"ކުރިމަގުގައި ވަރަށް ފައިދާ ކުރާނެ ތަނަކަށް އެ ތަން ވާނެ. ތަހުލީލުތައް ކުރުމުގެ އިތުރުން ސަރަހައްދީ ފެންވަރުގެ ތަމްރީނު ޕްރޮގްރާމްތައް ވެސް ކުރިއަށް ދާނެ ހަނިމާދޫ އޮބްޒަވޭޓަރީގައި،" މަޖީދު ވިދާޅުވި އެވެ.
އޭ.ބީ.ސީއާ ބެހޭ ތަހުލީލުތައް ފެށިގެން އައި ދުވަސްވަރު އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގެންފައިވާ މަޖީދު ވިދާޅުވީ ތިން ފަރާތް ކުޅިގެން އޮބްޒަވޭޓަރީ ހިންގި ނަމަވެސް ފަސް އަހަރު ފަހުން އެއީ މުޅިން ދިވެހިންގެ ތަނަކަށް ވާނެ ކަމަށެވެ.
"އެކަމަކު ސައިންޓިފިކް މަސައްކަތަކީ ވަރަށް ޚަރަދު ބޮޑު ކަމެއް. ބޭރުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ،" އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ އޮބްޒަވޭޓަރީގައި އަބަދު ވެސް ބއިނަލްއަގުވާމީ ފެންވަރުގެ ސައިންސްވެރިން މަސައްކަތް ކުރާނެތީ އެއީ ދިވެހިންނަށް ވެސް އިތުރަށް އެއްޗެހިތަކެއް ދަސްކުރަން ލިބޭނެ ފުރުސަތެއް ކަމަށް މަޖީދު ފާހަގަކުރެއްވި އެވެ.
ސީ 4 އަކީ ޔޫރަޕާއި އެމެރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ލެބޯޓްރީތައް ގުޅިގެން ހިންގާ ތަނެކެވެ. އެހެންކަމުން މި ހުރިހާ ހިސާބެއްގެ ސައިންވެސް ރާއްޖެ އައިސް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމަށެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި، ހަނިމާދޫ އޮބްޒަވޭޓަރީ އަކީ އޭޝިޔާގައި ހުރި އެއަރޯސޯލް ކެމިސްޓްރީއާ ބެހޭ އެންމެ ފެންވަރު ރަނގަޅު އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ އޮބްޒަވޭޓަރީ އަށް އެ ތަން ވާނެ އެވެ. ހަނިމާދޫގައި މަސައްކަތް ކުރަމުން ދަނީ އޭ.ބީ.ސީ ޕްރޮޖެކްޓްގެ ކޯ ޗީފް ސައިންޓިސްޓް ޕްރޮފެސަރު ވީ. ރާމަނާދަން އެވެ. އޮބްޒާވޭޓަރީގެ މަސައްކަތް ފެށުމުގެ ގޮތުން ހިންގި ތަމްރީނު ޕްރޮގްރާމުގައި ބަންގްލަދޭޝް، އިންޑިޔާ، ނޭޕާލް، ލަންކާ ތައިލޭންޑުގެ ޒުވާން ސައިންސްވެރިން ބައިވެރިވި އެެވެ. އަދި ރާއްޖެ އިން ވެސް ހަތް ފަރާތުން ބައިވެރިވި އެވެ.
އޮކްޓޯބަރު މަހު ތަހުލީލުތައް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވަނީ އެއީ މޫސުން ބަދަލުވާ މަސް ކަމަށް ވާތީ އެވެ. އެހެންކަމުން މި ދުވަސްވަރު ތަހުލީލުތައް ކުރުމުން އިންސާނުންގެ ސަބަބުން ޖައްވަށް ދޫކުރާ ތަކެތިން ލިބޭ ގެއްލުން ފުރިހަމަ އަށް އެނގޭނެ އެވެ.
މި ތަހުލީލުތަކުގައި އައިލޭންޑް އޭވިއޭޝަންގެ ޑޯނިއަ މަތިންދާ ބޯޓުގައި އިކްއިޕްމަންޓް ހަރުކޮށް އެޓްމޯސްފެރިކް މުށި ވިލާގަނޑާ ބެހޭ ދިރާސާ އަށް ބޭނުންވާ މައުލޫމާތު ހޯދާނެ އެވެ. ސައިންވެރިން މަތިންދާ ބޯޓްގައި ދަތުރުކޮށް އީކުއޭޓަރާއި ހަތ ްޑިގްރީ އުތުރުން އިންޑިޔާ ކަނޑުގެ ވައިގައި އެއަރޮސޯލް ހިމެނޭ މިންވަރާއި ވިލާ ހިމެނޭ މިންވަރު ބަލުމަށް ސާމްޕަލް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މީހަކު ނެތި ދަތުރު ކުރާ ރިމޯޓް ކޮންޓްރޯލް ބޯޓެއްގައި އޭ.ބީ.ސީ އަށް ޚާއްސަ ތަހުލީލުތަކެއް ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި އޭ.ބީ.ސީ މަޝްރޫއުގެ އެންމެ ބޮޑު އެއް ލަނޑު ދަނޑިއަކީ އަންނަން އޮތް ޖީލުގެ ސައިންސްވެރިން ތިމާވެށީގެ ސައިންސްގެ ރޮނގުން ތަމްރީނު ކުރުމެވެ.
އޭޝިޔަން ބްރައުންޑް ކްލައުޑް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ރާއްޖޭގައި ހިންގި އިންޑޯ އެކްސްގެ ތަހުލީލުތަކުގެ ތެރެއިންނެނެވެ. މުށި ވިލާގަނޑު އެންމެ ބޮޑަށް ފާހަގަކުރެވެނީ އިރުވައި މޫސުމުގަ އެވެ. މިއީ ދެ މޭލުގެ ބޮޑު ވިލާގަނޑެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ