މިނިވަން ޖުޑިޝަރީގެ ތެރެއަށް ސަރުކާރުން ދަނޑިބޭނިޔަ ނުދޭތި: ޔާމީން

ތިން ބާރު ވަކިކޮށް ގާއިމްކޮށްފައިވާ މިނިވަން ޖުޑިޝަރީ ނުވަތަ އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމަށް މި ސަރުކާރުން "ދަނޑިބޭނުމުގެ" ފުރުސަތު ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން ގޮވަލައްވައިފި އެވެ.
ވެރިކަމުގެ ހަ ދައުރު ފުރިހަމަކުރެއްވި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ޖޫން، ،9 2004 ގައި ފެއްޓެވި އިސްލާހީ އެޖެންޑާ އަށް ހަތް އަހަރު ފުރުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމަށް މި ސަރުކާރުން ނުފޫޒު ފޯރުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މިހާރު [ރައީސް ނަޝީދުގެ ސަރުކާރުން] ކުރާ މަސައްކަތަކީ އަދުލު ގާއިމްކުރުމަށް އަޅުގަނޑުމެން [ރައްޔިތުންގެ މަޖިލީހުން] ހޮވާފައި ތިބި ފަނޑިޔާރުންނާ ކުޅުން. މުޒާހަރާކުރަނީ، ބިއްލޫރިތައް ތަޅަނީ ބިރުދައްކަނީ. އެނޫން ކަންތައް ވެސް ކުރަނީ. މި ކަންތައްތަކަށް އަޅުގަނޑުމެން ރައްޔިތުން ފާރަވެރިވާން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރަށް ފާރަވެރިވާންޖެހޭ ކަންތައްތައް ރައްޔިތުންނަށް "ހަދިޔާ" ކުރައްވަމުން ވިދާޅުވީ "ރާއްޖޭގެ މުއްސަނދިކަން މިހާރަށް ވުރެ ފުޅާކޮށް ރައްޔިތުންގެ އަތްމަތީގައި ބޭއްވުމަށް ފާރަވެރިވާން ޖެހޭ" ކަމަށެވެ. ވިޔަފާރި އާއި ގައުމުގެ ހަރު މުދަލަކީ ބޭރު ބައެއްގެ އަތް މައްޗަށް ދޫކޮށްލަންޖެހޭ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނުގެ ބާރު ދަމަހައްޓަން ސަރުކާރުން ކުރާ މަސައްކަތަށް ވެސް ފާރަވެރިވާންޖެހޭނެ ކަމަށެވެ. ޑީއާރުޕީގެ މެމްބަރުންނަށް ޔާމީން ވިދާޅުވީ ޕާޓީގެ ލީޑަރު މަގުން ކައްސާލައިގެންދާ ނަމަ އެކަމަށް ވެސް މެމްބަރުން ފާރަވެރިވާން ޖެހޭނެ ކަމަށެވެ.
މި ސަރުކާރުން ކަންތައްކުރަމުން އަންނަ ގޮތަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތައް އުފައްދާފައިވަނީ ރައްޔިތުން ބާރުވެރިކުރުވައި ސިޔާސީ ނުފޫޒުން ދައުލަތުގެ މުއައްސަސާތައް އެއްކިބާ ކުރުމަށްޓަކަ އެވެ. އަދި ކޮރަޕްޝަނާއި ފަސާދަތައް ނައްތާލުމަށް އުފައްދާފައިވާ އެ މުއައްސަސާތައް ހިނގާ ނުހިނގާ ގޮތާ މި ސަރުކާރުން ބެހެންނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި މިހާރު ހުރި އެޕީލް ކޯޓުތައް، ހައިކޯޓުކަމަށް ވިއަސް ސުޕްރީމް ކޯޓުވިއަސް އެ ތަންތަނަށް ފަނޑިޔާރުން ކަނޑައެޅީކީ، ބޭރުގެ ބައެއް ސަފީރުންނަށް މި ސަރުކާރުން ދަންނަވާފައިވާ ގޮތަށް، ރައީސް މައުމޫންގެ ސަރުކާރަކުން ނޫނޭ. މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންތައް އަޅުގަނޑުމެން އެހެރީ އެންޑޯޒްކޮށްފައި،" މައުމޫންގެ ސަރުކާރުގައި ޓްރޭޑް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޔާމީން ވިދާޅުވި އެވެ.
އިންތިގާލީ މަރުހަލާ ނިމިގެން މި ސަރުކާރަށް ތިން އަހަރު ފުރިފައިވާ އިރު ކަންތައްތައް ހުރި ގޮތް ހާމަކުރައްވަމުން ޔާމީން ވިދާޅުވި ގޮތުގައި ފުލުހުން ތަހުގީގުކޮށްގެން މައްސަލަ ބެލުމުގެ ބަދަލުގައި އަދިވެސް ބޭނުން ވަނީ މީހުން ހަައްޔަރުކޮށްގެން މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެ ގޮތުން ހަނުހުރުމުގެ ހައްގު ވެސް ހަނިކުރުމަށް މަޖިލީހަށް ބިލް ހުށަހަޅަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޖިނާއީ ކޯޓުގެ ފަނޑިޔާރުން ދެކެ ރުޅި އަންނަނީ 15 ދުވަހުން 15 ދުވަހުން މުއްދަތު އިތުރުނުކޮށްދޭތީ. ދެން މިހާރު ފަނޑިޔާރު ވެސް ބަދަލުކުރަންވަނީ،" ޔާމީން ވިދާޅުވި އެވެ.
މައުމޫންގެ އިސްލާހީ އެޖެންޑާގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ އިސްލާހީ އެޖެންޑާގެ ޕެކެޖަކީ ޒަމާނީ ޑިމޮކްރަސީއެއް ރާއްޖޭގައި ގާއިމްކުރުން ކަމަށެވެ. އަދި ޑިމޮކްރަސީއަކީ ހުރިހާ މާނައެއްގައި ވެސް ރައްޔިތުން ބާރުވެރިކުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ޒައާމަތުގައި ކުރެއްވި މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނު ރައްޔިތުން ބާރުވެރިކޮށް، ހިޔާލު ފާޅުކުރުމަށް އޮތް ހަނި ފުރުސަތު ހުޅުވާލެއްވި އެވެ. އަދި ބާރުތައް ވަކިކޮށް ޒަމާނީ ޑިމޮކްރަސީއެއް ގެންނަން ވެސް މައުމޫން މަސައްކަތްކުރެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރައްޔިތުން ބާރުވެރިކުރަނީ ހަމައެކަނި ދުލަށް ނުވަތަ ފިކުރަށް އަންނަ ވާހަކައެއް ބުނުމަކަށް ނޫނޭ. ރައްޔިތުން އިގްތިސާދީ ގޮތުން ތަނަވަސް ހޭލުންތެރި ބަޔަކަށް ހެދުމަށްޓަކައި، މަސައްކަތްކުރަން ޖެހޭ ބަޔަކަށް ހެދުމަށް ވެސް ބާރުވެރިކުރުވަން ޖެހޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ "ކާޅު ހާލި ހެދީމަ، ކޮވެލި ބިސްއަޅާނެ" ކަމަށާއި މިހާރުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ މައުމޫންގެ އިސްލާހީ އެޖެންޑާގެ ދަށުން ކުރިއަށް ގެންދެވި ކަންތައް އިސްލާހުކުރުމުގެ ނަމުގައި މަސައްކަތްތަކެއް ކުރިއަށް ގެންދިއުމެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުމޫންގެ ވެރިކަމުގައި އިގްތިސާދު ފުޅާކޮށް ރައްޔިތުން ބާރުވެރިކުރުވައި ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އަދި ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް ވެސް މަސައްކަތް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ