މިދިޔަ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެޗްއާރުސީއެމަށް 129 މައްސަލަ ހުށަހެޅުނު

މިދިޔަ އަހަރުގެ ޖުލައި މަހުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް 129 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެޗްއާރުސީއެމުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެކޮމިޝަނުން ބަލައި ނިންމާފައިވަނީ 61 މައްސަލައެކެވެ. އަދި މައްސަލަތަކާއި ގުޅިގެން 56 ޒިޔާރަތެއް ކޮށްފައިވާއިރު އެކި މައްސަލަތަކުގައި 104 ބަޔާނެއް ވަނީ ނަގައިފައެވެ.
އޭގެ އިތުރުން މިދިޔަ އަހަރު ޖުލައި މަހުން ސެޕްޓެމްބަރު މަހާ ދެމެދު އެޗްއާރުސީއެމުން އިސްނަގައިގެން 24 މައްސަލައެއް ބަލާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
އެޗްއާރުސީއެމުން ބުނީ، އެ މުއްދަތުގައި އެ ކޮމިޝަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ލާއިންސާނީ އަނިޔާގެ މައްސަލަ ކަމަށެވެ. އެފަދަ 23 މައްސަލައެއް އެ ތިން މަސް ތެރޭގައި ހުށަހެޅިފައިވެއެވެ. ދެވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ބަންދުގައި ތިބޭ ފަރާތްތަކުގެ ސިއްހީ ކަންކަމާގުޅޭ މައްސަލަތަކެވެ.
ދެން ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ޝަރީއަތުގެ 17 މައްސަލައެއް އަދި ގައިދީންގެ 19 މައްސަލައެއް އެ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާއިރު ކުޑަކުދިންގެ ފަސް މައްސަލައަކާއި ބޯހިޔާވަހިކަމުގެ ހަތަރު މައްސަލައެއް ހިމެނެއެވެ.
އޭގެ އިތުރުން އުނގެނުން، ހާއްސަ އެހީއަށް ބޭނުންވާ މީހުން، ބިދޭސީ މަސައްކަތްތެރިން، ސިއްހީ އަދި އާއިލާ، މިއިން ކޮންމެ ބާވަތަކުން ދެ މައްސަލަ އާއި ވަޒީފާގެ ކަންކަމާއި އުމުރުން ދުވަސްވީ މީހުންނާއި އިގުތިސާދީ އަދި ފުލުހުންނާ ގުޅުން ހުރި ތިން މައްސަލައެއް މިދިޔަ އަހަރުގެ ޖުލައި މަހުން ސެޕްޓެމްބަރު މަހާ ހަމައަށް ހުށަހެޅިފައިވާ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ