ގައްޒާ އަށް އެހީވާން ދިވެހި ރެޑްކްރެސެންޓުން ފައިސާ އެއްކުރަން ފަށައިފި

އިޒްރޭލުން ގައްޒާ އަށް ދެމުން ދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީންގެ މީހުންނަށް އެހީވުމަށް ފައިސާ އެއްކުރުމުގެ ޕްރޮގްރާމެއް ދިވެހި ރެޑްކްރެސެންޓުން ފަށައިފި އެވެ.
ފަލަސްތީނަށް އެހީވުމަށް ކުރިއަށް އޮތް ހަ މަސް ދުވަހަށް 14.7 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް، ފަލަސްތީނުގެ ރެޑް ކްރެސެންޓުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ ފައިސާ ހޯދުމުގައި އެހީތެރިވެދިނުމަށް ދުނިޔޭގެ ހުރިހާ ރެޑްކްރެސެންޓް ޖަމާއަތްތަކުގައި މިހާރު ވަނީ އެދިފަ އެވެ.
ދިވެހި ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އަބްދުއް ރައްޒާގު މިއަދު ވިދާޅުވީ ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބޭނުންވާ ފައިސާ ހޯދުމަށް ހާއްސަ ހަރަކާތްތަކެއް އެ ޖަމާއަތުން ހިންގާނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެ ފައިސާ އެއްކުރުމަށް ހިންގާ ހަރަކާތްތަކުގެ ދަށުން ފެރީ ޓާމިނަލްތަކާއި އެއާޕޯޓްގައި، ފައިސާ އެއްކުރުމަށް ފަންޑް ފޮށިތަކެއް ބަހައްޓާނެ ކަމަށް ރައްޒާގު ވިދާޅުވި އެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރެޑް ކްރޮސެންޓްގެ ދެ އެކައުންޓަކަށް ފަލަސްތީނަށް އެހީވުމަށް ފައިސާ ޖަމާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނަށް އެހީވުމަށް ހާއްސަކޮށްފައިވާ ދެ އެ ކައުންޓަކީ، 7701176022001 އަދި 7701176022002 އެވެ.
ރައްޒާގު ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި ހުންނަ ދިވެހި ރެޑް ކްރޮސެންޓްގެ ގޮފިތައް މެދުވެރިކޮށް ވެސް ފަލަސްތީނަށް އެހީވުމަށް ފައިސާ ހަދިޔާ ކުރެވޭނެ އެވެ. އަދި އެކަމަށްޓަކައި ހާއްސަ ހަރަކާތްތަކެއް އަތޮޅުތަކުގެ ގޮފިތަކުން ވެސް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޒާގު ވިދާޅުވި ގޮތުގައި ފައިސާ އެއްކުރުމަށް ޑޯ ޓް ޑޯ ހަރަކާތްތަކެއް ހިންގާނެ އެވެ.
"މި މަހުގެ 14 ވަނަ ދުވަހު ފަލަސްތީނުގެ ރެޑް ކްރޮސެންޓުން އެޕީލްއެއް ނެރެފައި ވަނީ ފައިސާ އެއްކުރަން. އެކަމަށް އަޅުގަނޑުމެން އެހީތެރިވުމަށް ފަށާ މަސައްކަތެއް މިއީ. މި ޕްރޮގްރާމްގައި އެއްކުރާ ފައިސާ އަޅުގަނޑުމެން ފަލަސްތީނުގެ ރެޑްކްރޮސެންޓަށް ފޮނުވާނީ،" ރައްޒާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަލަސްތީނުގެ ރެޑް ކްރޮސެންޓަކީ ގައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އެންމެ ކައިރިން މަސައްކަތް ކުރާ ޖަމާއަތް ކަމަށެވެ. އޭނާ ވިދާޅުވީ ރެޑް ކްރޮސެންޓްތަކުން އެއް ކުރާ ފައިސާ ހަރަދު ކުރާނީ ބޭހާއި ސިއްހީ އެކި ސާމާނު ގަތުމަށާއި ވަގުތީ ހިޔާތައް ހެދުމަށް ކަމަށެވެ.
ދިވެހި ރެޑްކްރޮސެންޓަށް އެއްކުރެވުނު ފައިސާގެ މައުލޫމާތު ރެޑް ކްރޮސެންޓް ދުވަހު އާންމު ކުރަން ވަނީ ނިންމައިފަ އެވެ. އަދި ރެޑް ކްރޮސެންޓް ދުވަހާ ގުޅުވައިގެން ވެސް އެކަމަށް ފައިސާ އެއްކުރުމަށް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ