މައުމޫންގެ ބޭފުޅުން ޔާމީން ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފި

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިންގައި ރަސްމީކޮށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.
މިރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޣިޔާސުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ހަފުލާގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނާއި ޣައްސާން މައުމޫނުގެ އިތުރުން ދަރިކަނބަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.'
ޔުމްނާ މައުމޫން ކެމްޕެއިނުގައި ބައިވެރިވެވަޑައިނުގަންނަވަނީ ޕީޕީއެމްގެ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުގައި ހުންނަވައިގެން ކެމްޕެއިން ކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕީޕީއެމް އަސާސީ ގަވައިދު ތަން ނުދޭތީ އެވެ.
މީގެކުރިން ދުންޔާ މައުމޫން ކެމްޕެއިންގައި ބައިވެރިވެޑައިގަންނަވަމުން ގެންދެވި ކަމުގައިވިޔަސް މިއަދާއި ހަމައަށް ދެން ތިއްބެވި ބޭފުޅުން ވަކިކޮޅެއް ނަންގަވާފައެއް ނުވެ އެވެ.
ރައީސް މައުމޫނުގެ ބޭފުޅުންނަށް ޖަލްސާގައި ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޔާމީން ވަނީ ރައީސް މައުމޫންގެ ބޭފުޅުން ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވާތީ އެބޭފުޅުންނަށް ވަކިވަކިން ޝުކުރު އަދާކުރައްވާފައެވެ. ޔާމީން ވިދާޅުވީ ޕީޕީއެމްއަކީ ރައީސް މައުމޫން ކަމަށާއި އެޕާޓީގައި ތިބީ ރައީސް މައުމޫންގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން ކަމަށެވެ.
"އަޅުގަނޑުމެން ކުރި ދަތުރުތަކުން ރައީސް މައުމޫނަށް އޮތް ތާއީދާއި ޕީޕީއެމްއަށް އޮތް ތާއީދު އެނގުނު، ޕީޕީއެމް މެންބަރުންނަކީ ޕާޓީ ދޫކޮށްލާފައި ދާނެ ބައެއް ނޫން، ޕީޕީއެމް ކޮންމެ މެންބަރެއްގެ ފޯމުގައި އިނގިލީގެ ނިޝާން ޖަހާފައި ހުންނާނެ، ސައްހަ މެންބަރުން އެންމެ ގިނަ ޕާޓީއަކީ ޕީޕީއެމް." ޔާމީން ވިދާޅުވި އެވެ.
މިޖަލްސާގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާރު ރައީސް މައުމޫން ހުންނެވި ފަޅިއެއް ޕީޕީއެމް މެންބަރުންނަށް ސަފުވާނެ ކަމަށެވެ.
"މަސްލަހަތަށްޓަކައި ރައީސް މައުމޫން ވަކި ފަރާތަކަށް ތާއީދު ނުކުރެއްވި ކަމުގައިވިޔަސް އެމަނިކުފާނުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމުން ރައީސް މައުމޫން ހުންނެވި ކޮޅު މިހާރު އެނގޭނެ." އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވަނީ ރައީސް މައުމޫންގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މެންބަރުން ޔާމީނަށް ވޯޓުދެއްވުމަށް ގޮވާލައްވާފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ވިދާޅުވީ ޔާމީނާއި ދެކޮޅު ކެމްޕެއިންކުރާ މީހުން ކުރަނީ އެއީ ރައީސް މައުމޫނުގެ ކޮއްކޯފުޅަށްވާތީ ކަމަށެވެ. އަދި ރައީސް މައުމޫންގެ ބޭފުޅުން ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވުމުން ނަތީޖާ ބަދަލުވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ނިހާން ވަނީ ހއ.ތުރާކުނުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ތިއްބެވި ރައީސް މައުމޫނަށް ތާއީދުކުރައްވާ މީހުން ހިޔާލު ބަދަލުކުރައްވާ ޔާމީނަށް ވޯޓުދެއްވުމަށް ގޮވާލައްވާފައެވެ.
"ރައީސް މައުމޫނުގެ ސިޔާސަތުތަކަށް، ފިކުރަށް، އެމަނިކުފާނު ދެކެ ލޯބިފުޅު ވެވަޑައިގަންނަވާ މެންބަރުން ކެންޑިޑޭޓު 1 ޔާމީން އަބްދުލްގައްޔޫމަށް ވޯޓު ދެއްވާނެ، ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ