ދައުލަތް ބަގުރޫޓްވީ ރައީސްގެ ނާގާބިލްކަމުން: އަބްދުއްރަހީމް

ދިވެހި ދައުލަތް ބަގުރޫޓްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށް އިދިކޮޅު ލީޑުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ދައުލަތް ބަގުރޫޓްވެ، ޑޮލަރުގެ އަގު އުފުލިފައިވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވުމާއި ގުޅިގެންނެވެ.
އާޒިމް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.
އަބްދުއްރަހީމް މިރޭ ވިދާޅުވީ ދިވެހި ދައުލަތް ބަގުރޫޓްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށެވެ. އަދި ޑޮލަރުގެ އަގު މައްޗަށް ދިޔައީ އިގްތިސާދު މެނޭޖް ކުރަން ނޭންގުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތް ބަގުރޫޓްވީ ދައުލަތުގެ ހަޒާނާއިން މި ސަރުކާރުން "ވައްކަން" ކޮށްފައިވާތީ ކަމަށްވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.
"އެމްޑީޕީއިން ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކުވެސް ކަން ހިނގާގޮތް. މީ ފެންނަން އޮތް ހަގީގަތް،" އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޑޮލަރުގެ އަގު މައްޗަށްދިޔަ ދިއުމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.
އިގްތިސާދީ ބޮޑެތި މައްސަަލަތަކެއްގެ ތެރޭގައި ދައުލަތް އޮތްއިރު ޑޮލަރުގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.
ޑޮލަރުގެ އެކްސްޗޭންޖް ރޭޓް މަތި ކުރުމަކީ ގާނޫނީ ކުށެވެ. ރާއްޖޭގައި ވިއްކާ އާއްމު ރޭޓަށްވުރެ މަތިން ވިއްކައި އަނދިރި ބާޒާރެއްގައި މާރު ކުރުމަކީ އަބަދު ލިބޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ