އިންޑިއާގެ އެއްބަސްވުންތަކަށް ރައީސް ޔާމީން ދެކޮޅު ހެއްދެވި: ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައިވެސް އިންޑިއާއިން އެކި ކަހަލަ އެއްބަސްވުންތަކާއި ހުށަހެޅުންތައް ގެނައި ކަމަށާއި އެހެންނަމަވެސް އެކަމަށް އެމަނިކުފާނު ދެކޮޅު ހެއްދެވީ ރާއްޖޭގެ މިނިވަންކަމަށް އޭގެ ސަބަބުން އަސަރު ކުރާނެތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އިންޑިޔާގެ ހުށަހެޅުންތަކަށް ދެކޮޅު ހެއްދެވުމުގެ ސަބަބުން އިންޑިއާއިން ބޭނުންވީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނެވުމަށްކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައީ އިންޑިއާގައި މި އޮތް ސަރުކާރުން، މި ހަގީގަތް، މި ސަރުކާރުގެ އެންމެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުން ވެސް ވާހަކަ ދެއްކެވީ މި ގޮތަށް،
- މެމްބަރު ޝިޔާމް
ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެތެރޭގެ އެތައް މައުލޫމާތެއް ހޯދަން ވެސް އިންޑީއާއިން އޭރު މަސައްކަތް ކުރިއެވެ. ކަނޑުތައް ދިރާސާކުރުމުގެ އެއްބަސްވުމެއްގެ ހުށަހެޅުމެއް ވެސް އައި ކަމަށާއި އެ އެއްބަސްވުމުގައި ސޮއި ކުރީ މި ސަރުކާރުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކަނޑުގައި މަހެއް ނުވަތަ ގަލެއް އިނަސް މިހާރު އިންޑިއާއަށް އިނގޭނެ ކަމަށެވެ. އަދި އިންޑިއާ ބަޔަކު ފެނު އަޑިން ވަނަސް މިގައުމުގައި ތިބޭ ބަޔަކަށް ނޭނގޭނެކަމަށް ޝިޔާމް ވިދާޅުވި އެވެ.
އިންޑިއާގެ ސަރުކާރުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައި ކަމަށް ޝިޔާމް ވިދާޅުވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރަން "އިންޑިއާގެ ޑިޕްލޮމެޓުންގެ އެހީ" ލިބުނު ކަމަށް ވިދާޅުވެފަ އެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް އެމްޑީޕީން ފައިސާ ދިންކަމަށް މީގެ ކުރިން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މީގެ ކުރިން ވަނީ ތުހުމަތު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ