ފައިސާއަށް ހަގީގަތާއި ޚިލާފު ކޮވިޑް ރިޕޯޓުތަކެއް ހަދައިގެން އިންޑިއާގެ ހޮސްޕިޓަލެއް ސަސްޕެންޑު ކޮށްފި

އިންޑިއާގެ މީރަޓްގައި ހުރި ހޮސްޕިޓަލަކުން ކޮވިޑް-19 އާއި ގުޅޭގޮތުން ދޮގު ރިޕޯޓުތަކެއް ބެހިކަމުގެ ތުހުމަތުގައި، އެހޮސްޕިޓަލު ސަސްޕެންޑު ކޮށްފިއެވެ. ރިޕޮޓު ތަކުން ބުނެފައިވާ ގޮތުގައި އެހޮސްޕިޓަލު ސަސްޕެންޑު ކުރީ އެތަނުގެ މުވައްޒިފަކު، ކޮވިޑް އަށް ފައްސިވާ މީހުންގެ ރިޕޯޓުތައް ފައިސާއަށް ބަދަލު ކުރިކަން ފަޅާއެރުމުންނެވެ.
ޕްރައިވެޓު ހޮސްޕިޓަލެއްގެ އެމުވައްޒިފު ފައިސާއަށް އެރިޕޯޓުތައް ދެމުންދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.
ޑިސްޓްރިކްޓް މެޖިސްޓްރޭޓް އަނިލް ދިންގްރާ މިމައްސަލައާއި ގުޅޭގޮތުން ބުނެފައިވަނީ އެފަދަ ވީޑިއޯ އެއް ވައިރަލް ވެފައިވާ ކަމަށާއި އެހެން ކަމުން އެހޮސްޕިޓަލާއި ދެކޮޅަށް ދައުވާ ކުރަން ނިންމާ، ހޮސްޕިޓަލުގެ ލައިސެންސް ސަސްޕެންޑު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އަނިލް ބުނެފައިވެއެވެ.
އެހޮސްޕިޓަލުން ކޮވިޑް-19 އަށް ނައްސި ވެފައިވާ ކަމަށް ބުނެ ރިޕޯޓެއް 2500 ރުޕީސް އަށް ހަދައިދޭނެ ކަމަށް އެމުވައްޒިފު ބުނާތަން އެވީޑިއޯއިން ފެނެއެވެ.
މީރަޓްގެ ޗީފް މެޑިކަލް އޮފިސަރ ޑރ. ރާޖް ކުމާރް ބުނެފައިވަނީ، މިޢަމަލު ހިންގީ އެހޮސްޕިޓަލުގެ ފިރިހެން މުވައްޒިފެއް ކަމަށާއި، ބަލި މީހެއް ކައިރީ 2500 ރުޕީސް އަށް ކޮވިޑް-19 އަށް ނައްސި ކަމުގެ ރިޕޯޓެއް ހަދާދީފާނަން ކަމަށް އެމުވައްޒިފު ބުނެފައިވާ ކަމަށެވެ. އެމީހާގެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ޑރ. ރާޖް ބުނެފައިވއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ