ޒިޔާދުގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެނައުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލައަކީ އެއްވެސް އަސާސެއް އަސްލެއް ނެތް ދައުވާއެއް ކަމަށާއި އަދި އެދައުވާ އަނބުރާ ގެނައުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ނެރުއްވި ނޫސް ބަޔާނެއްގައި ބުނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އަށް ނިސްބަތްވާ ޕީ.ޕީ.އެމް. ގެ ކައުންސިލް މެންބަރު އަދި ކުރީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ބާގިރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ދައުވާ ކުރުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ މައްސަލައަކީ އެއްވެސް އަސާސެއް އަދި އަސްލެއް ނެތް ކަމެއްގައި، އުފަން ކުރުވާފައިވާ މައްސަލައެއް ކަމަށެވެ.
ހުރިހާ ގޮތަކުންވެސް ސަރުކާރު ފެއިލްވެ، ހެދޭ ނުހެދޭ ނޭނގޭ ހިސާބަށް ކަންކަން ގޮސް، ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފެށުމުން، ރައްޔިތުންނަށް ކަންކަން އޮޅުވާލާ، މަތި ޖެހުމަށްޓަކައި ރައީސް ޔާމީން ނުވަތަ އެމަނިކުފާނުގެ ވެރިކަމުގައި އިސް މަގާމެއް އަދާ ކުރައްވާފައިވާ ކޮންމެވެސް ބޭފުޅަކާއި ގުޅުވައިގެން މައްސަލައެއް އުފައްދާ ދައުވާ ކުރުމަށް ފޮނުވުމަކީ މި ސަރުކާރުން ކުޅެމުން އަންނަ ސިޔާސީ ޑްރާމާއެއްކަން ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށާއި ޒިޔާދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލައަކީވެސް އެފަދަ ޑްރާމާ ސިލްސިލާއެއްގެ ބޮޅެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑް ކުރަން ތިއްބެވި ބޭފުޅުންގެ ތެރެއިން ފަހަރަކު ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ޖަލަށްލާ ހައްޔަރުކުރި ނަމަވެސް، މިކޯލިޝަނުން ރައްޔިތުންގެ ޙައްޤުގައި ކުރަމުން ގެންދާ މަސައްކަތްތައް އެންމެ ފިޔަވަޅެއްވެސް ފަހަތައް ޖެއްސޭނެ ކަމަށް ސަރުކާރަށް ހީވާނަމަ އެއީ ކުށް ހީއެއްކަމަށާއި ކޯލިޝަން ލީޑް ކުރަން ހައްޔަރުކުރިނަމަވެސް، މިކޯލިޝަން ލީޑް ކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ އެތައް ހާސް ރައްޔިތުންނެއް މިކޯލިޝަންގައި ތިބިކަން ސަރުކާރަށް ހަނދާންކޮށްދޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
ޒިޔާދުގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެނައުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވާއިރު، ބ. އޭދަފުށި، ހަލަވެލި، ޑޮކްޓަރު އަޙްމަދު ޒިޔާދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުރިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް އޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ