ކޮޗިން ފެރީން ސިމެންތި ގެނެސްގެން އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކަން ފަށައިފި

ކޮޗިން ފެރީން ކުޅުދުއްފުއްޓަށް ގެނައި ސިމެންތި އަގުހެޔޮކޮށް އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ.
ކާގޯފެރީގައި އެސްޓީއޯއިން ވަނީ ކުޅުދުއްފުޓަށް 500 ޓަނުގެ ސިމެންތި އެތެރެކޮށްފައެވެ. އެސްޓީއޯއިން ކުރިން ރެމްކޯ ސިމެންތި ވިއްކަމުންދިޔައީ 106 ރުފިޔާ އަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން ސިމެންތި ބަސްތާއެއްގެ އަގު ވަނީ 90 ރުފިޔާއަށް ހެޔޮކޮށްފައެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކާގޯ ފެރީން ގެންނަ މުދާ އުތުުރުގެ ރަށްތަކަށް ހެޔޮ އަގުގައި ވިއްކަމުންދިއުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކި ބާވަތްތަކުގެ މުދާ ގެނެސް ހެޔޮ އަގުގައި ވިއްކަމުންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައެވެ. ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ކޮޗިންއިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ