ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ކެބިނެޓުން ނިންމައިފި

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އަކީ އުވާލަން ޖެހޭ ކުންފުންޏެއް ކަމަށާއި ކެބިނެޓުން އެކޯޕަރޭޝަން އުވާލަން ނިންމާފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީއަށް އިއްޔެ ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ. އެ ކޮމިޓީއަށް މިނިސްޓަރު ހާޒިރު ކުރީ އެ ކުންފުނިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުންދާތާ ދުވަސްތަކެއް ވެ އެ ކުންފުނީގެ ބޭނުމާ މެދު ސުވާލު އުފެދިފައި އޮތުމުން އެކަން އޮޅުން ފިލުވުމަށެވެ.
އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެއް ކަމަށާއި، ނަމަވެސް އެ ކުންފުނިން އެކަށީގެން ވާ ފައިދާއެއް ނުލިބޭ ކަމަށެވެ.
ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުން މަތިކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަަށް ކޯޗު އަދި ކުރީގެ މަޝްހޫރު ގޯލް ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) އައްޔަން ކުރައްވައިފައެވެ.
މިނިސްޓަރު މަހްލޫފް ވިދާޅުވީ އެކުންފުނި އުވާލަން މިހާރު ކެބިނެޓުން ވެސް ނިންމާފައިވާ ކަމަށާއި، ކުންފުންޏަށް މިހާތަނަށް ލިބުނު ހަމައެކަނި ފައިދާއާއި، ލިބުނު ޕްރޮޖެކްޓަކީ ޔޫތު ނިސްޓްރީން އެކުންފުންޏަށް ދިން ޕްރޮޖެކްޓްތައް އެކަނި ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މައުރޫފް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ގެއްލުމުގައި މިދުވަސްވަރު އެ ކޯޕަރޭޝަން ހިންގެން ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވެސް ލަފާ ދީފައިވާ ކަމަށެވެ. އެހެންކަމުން ކުޅިވަރު ގާނޫނަށް އިސްލާހް ގެނެސް އެ ކޯޕަރޭޝަން އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ މިއީ އުވާލަން ޖެހޭ ކުންފުންޏެއް ކަން. މި ހަފުތާ ތެރޭ ބޭއްވުނު ކެބިނެޓް ވޯކިންގް ގްރޫޕްގައި ވެސް ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މިއީ އުވާލަން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ވެސް އަދި އަޅުގަނޑުމެން ވެސް އެ ވޯކިންގް ގްރޫޕުގައި ހެދުނު ސަބް ކޮމިޓީތަކުގައި ވެސް ވަނީ މިކަމަށް މަޝްވަރާ ކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި، ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީ ކުރުމެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަށް އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދިނުމުގެ އިތުރުން ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި އަދި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުމެވެ.
މިނިސްޓަރު ވިދާޅުވީ އެތަނަކީ ފުދޭވަރަކަށް ހަރަދު ހިނގާ ނަމަވެސް އެކަށީގެންވާ ބޭނުން ނުހިފޭ ތަނެއްގެ ގޮތުގައި ފެންނަ ކަމަށާއި އަދި އެތަނަކީ އުވާލަން ޖެހޭ ތަނެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ