ޔާމީން މިނިވަން ކުރަން ގޮވާލައި މިނިސްޓަރު އިމްރާންގެ ގެކޮޅު ކައިރީ މުޒާހަރާ ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވާލައި އެމަނިކިފާނުގެ ސަޕޯޓަރުން، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ދިރިއުޅުއްވާ ގެކޮޅު ކައިރީގައި މިރޭ މުޒާހަރާ ކޮށްފި އެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ބައެއް އިސް ފަރާތްތަކާ އެކު އެމަނިކުފާނުގެ ސަޕޯޓަރުން އަޑުއުފުލާފައިވަނީ ހުޅުމާލޭގައި މިނިސްޓަރު އިމްރާން ދިރިއުޅުއްވާ ފްލެޓް ކައިރީގަ އެވެ. ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މިރޭ ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް އެތަނަށް އެއްވި ސަޕޯޓަރުން ތިބީ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެންނެވެ. އަދި ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލިއިރު ހޯމް މިނިސްޓަރު އިމްރާން އިސްތިއުފާ ދެއްވުމަށް ވެސް ރައީސް ޔާމީންގެ ސަޕޯޓަރުން ގޮވާލި އެވެ. ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މިރޭ ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް އެކަމާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޖަލުގައި އޮންނެވި ކުރީގެ ރައީސް ޔާމީނަށް ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް ލިބެމުން ނުދާތީ އެކަންތައް ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ސިޓީއިން ދަންނަވައިގެން ވެސް ޖަވާބެއް ނުލިބުމުން އިދިކޮޅުން މިރޭ މަގުމައްޗަށް ނިކުތީ ކަމަށެވެ. އަދި އެ ހަރަކާތް ފެއްޓެވީ ހޯމް މިނިސްޓަރު އިމްރާން ދިރިއުޅުއްވާ ގެކޮޅު ކައިރިން ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. "މިއީ ނިމުމެއް ނޫން. މިއަކީ ފެށުން. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި މިކަހަލަ އަޑުއުފުލުންތައް ކުރިއަށް ގެންދާނަން،" އިދިކޮޅުގެ އެންމެ އިސް ފަރާތްތެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ