ކޮވިޑް-19: އިތުރު 78 މީހަކު ފައްސިވެއްޖެ

ރާއްޖެ އިން އިތުރު 78 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އިއްޔެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި ބަންގްލަދޭޝް 25 މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ސްރީލަންކާގެ ދެ މީހަކާއި ނޭޕާލްގެ މީހެއް ކަމަށެވެ.
އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 74 މީހަކު ފައްސިވީ މާލެއިންނެވެ. އަތޮޅު ތެރޭގެ އެކި ރަށްރަށުން މިއަދު ފައްސިވެފައި ވަނީ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ފ. ނިލަންދޫ އިން ފައްސިވި ދެ މީހުން ވެސް ހިމެނެއެވެ.
މިއާ އެކު، ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 5،572 އަށް އަރައިފައެވެ. މިހާތަނަށް މި ބަލި ޖެހިގެން 3،010 މީހަކު ރަނގަޅުވި އިރު، ބަލީގައި މިވަގުތު ފަރުވާދެމުން ދަނީ 2،540 މީހުންނަށެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވެފައި ވަނީ 22 މީހުންނެވެ.
ރާއްޖޭގައި މިހާތަނަށް 94،047 ސުންކު ނަގާފައިވާ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 1،508 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ހުރީ 150ގައެވެ.
ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗް 7 ގައި ފެނުނު ފަހުން އެންމެ ގިނަ މީހުން ފައްސިވެފައި މި މަހުގެ ދެ ވަނަ ދުވަހެވެ. އެ ދުވަހު 215 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. ދެ ވަނަ އެންމެ ގިނަ ބަޔަކު ފައްސިވީ އެޕްރީލް 30 ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ 178 މީހުން ވަނީ ފައްސިވެފައެވެ. ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވަނީ ދިވެހިންނެވެ.
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިން ފަހުންނެވެ. އެހެންވެ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.
އޭގެތެރޭގައި މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރު ކުރުމާއި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ބޭރުގައި އުޅުން މަނާ ކުރުން ހިމެނެއެވެ. މާސްކް ނާޅާއި ބޭރު ތެރޭގައި އުޅޭ މީހުންނާއި މަނާ ގަޑިތަކުގައި ބޭރުގައި އުޅޭ މީހުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.
ސިއްހީ ތަޖުރިބާކާރުން ލަފާ ކުރައްވާ ގޮތުގައި، މި މަހަކީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވާނެ ކަމަށް ބެލެވޭ މަހެކެވެ. އަދި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މަދުވާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ މެދު ތެރެއިން ފެށިގެން ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ. އެހެންވެ، ކުރިއަށް ވުރެ ބޮޑަށް އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ