އެއާޕޯޓް ހޯދުމަށް ގައުމީ ހަރަކާތްތަކެއް ފަށަނީ

ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަނބުރާ ހޯދާދިނުމަށް ފަށާ ޤައުމީ ހަރަކާތުގެ ނަމުގައި ގުޅިފައިވާ ފަރާތްތަކުން ޢަމަލީ މަސައްކަތްތަކެއް ބުރާސްފަތި ދުވަހުގެ ރޭ ފެށުމަށް ޕާޓީތަކުން ނިންމައިފިއެވެ.
މިއަދު ސްޓެލްކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިފައިވާ ހަތް ސިޔާސީ ޕާޓީން ބުނެފައިވަނީ ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަނބުރާ ހޯދާދިނުމަށް ފަށާ ސިލްސިލާ ހަރަކާތްތައް ބުރާސްފަތި ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އާރޓިފިޝަލް ބީޗުގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.
މިހަރަކާތުގައި ގުޅިފައިވާ ހަތް ސިޔާސީ ޕާޓީއަކާއި މަދަނީ އިއްތިހާދުން ބައިވެރިވާއިރު ޤައުމީ މިމަސައްކަތުގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިއްތިހާދުގެ ބައިވެރިން ވިދާޅުވީ މިއީ ސިޔާސީކަމެއް ނޫންކަމަށާ މިއީ ޤައުމީ ޖިހާދެއް ކަމަށެވެ.
މިއީ ދިވެހި ރައްޔިތުންގެ ލެޔާއި ގުޅިފައިވާ ޤައުމީ ތަރިކައެއް ކަމަށާއި ސިލްސިލާ ގޮތެއްގައި މިހަރަކާތްތައް އެކި ސިފަސިފައިގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނޭ،،
ޖީއެމްއާރުގެ އެއްބަސްވުމުގައި މިޤައުމާއި މިޤައުމުގެ މުސްތަޤްބަލަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރާފަދަ ކަންކަން ހިމެނިފައިވާ ކަމަށާއި އެއަރޕޯޓް ހޯދުމަށް ފަށާފައިވާ ދަތުރު ނިންމާލާނީ މިމަސައްކަތް މާތްﷲގެ މިންވަރުފުޅާއެކު ކާމިޔާބު ކުރުމަށްފަހު ކަމަށްވެސް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އާރޓިފިޝަލް ބީޗުގައި ފަށާ ހަރަކާތްތަކުގައި ދިވެހިންގެ ޝުޢޫރު ފާޅުކުރުމާއި، ބައިނަލްއަޤްވާމީ އެއަރޕޯޓް ހެދުމަށް ދިވެހިންވީ ޤުރުބާނީގެ މައްޗަށް އެކި ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.
އަދި މިއީ ވަކި ސިޔާސީ މަޤްސަދެއްގައި ކުރިއަށްގެންދާ ހަރަކާތަކަށް ނުވާތީ އެއްވެސް ސިޔާސީ ފިކުރަށް ނިސްބަތްނުވާ ރައްޔިތުންނަށް މައުލޫމާތު ދިނުމަށްވެސް ތަފާތު އިތުރު ހަރަކާތްތައް ހިންގާނެކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ