ވިލިމާލޭގައި ފެން ބިލަށް ފައިސާ ދެއްކުމަށް ދަތިވެ ޝަކުވާކޮށްފި

20:26ވިލިމާލޭގައި ހުންނަ އެމް.ޑަބްލިއުއެސްސީގެ އޮފީހުން ފެން ބިލަށް ފައިސާ ބަލައިގަންނަނީ ހަމައެކަނި ދިހަ ދުވަހު ކަމަށާއި އެ ދުވަސްތަކުގައި ވެސް ބިލުދެއްކުމަށް އޮންނަނީ އެންމެ ތިން ގަޑިއިރު ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިން ވިލިމާލޭ ބައެއް ރައްޔިތުން ޝަކުވާކުރަމުން އެބަދެ އެވެ.ސަންއެފްއެމަށް މައުލޫމާތު ދެމުން ވިލިމާލޭގައި ދިރިއުޅޭ މީހަކު ބުނީ، އެ ރަށުގައި ގާއިމްކޮށްފައި ހުންނަ މޯލްޑިވްސް ވޯޓަރ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް) ގެ އޮފީސް ހުންނަނީ ރަސްމީ ގަޑިތަކުގައި ބަންދުކޮށްފައި ކަމަށެވެ. އެގޮތުން ފާއިތުވި ދެ ދުވަހު ވެސް ރަސްމީ ގަޑީގައި ބިލު ދައްކަން އޭނާ ދިޔައިރު، އެތަނުގެ ގޭޓު ބަލަހައްޓަން ސެކިއުރިޓީ ގާޑަކަށް ހުރި ބިދޭސީ މީހާ ފިޔަވައި، އޮފީހުގެ އެއްވެސް މުވައްޒަފަކު ނެތް ކަމަށް އޭނާ ބުންޏެވެ.އޭނާ ބުނި ގޮތުގައި، އެ އޮފީހަށް ފެން ބިލު ދެއްކެނީ ކޮންމެ މަހެއްގެ 10 އަކުން 20 ވަނަ ތާރީޚުގެ ނިޔަލަށެވެ. އަދި އެ ދުވަސްތަކުގައި ވެސް ފައިސާ ބަލައިގަންނަނީ ހެނދުނު 9 އިން 12 އަށް ކަމަށާއި އެއީ ގިނަ މީހުން ވަޒީފާގައި އުޅޭ ގަޑި ކަމަށް ވާތީ، އެ މަދު ވަގުތުކޮޅުގެ ތެރޭގައި ބިލުދައްކަން ގިނަ އާއިލާތަކަށް އުނދަގުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެތަނުން ބިލު ނުދެއްކިޖެނަމަ ދެން އަންނަން ޖެހެނީ މާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ އޮފީހަށް ކަމަށާއި އެތަނަށް ޚިދުމަތް ހޯދަންދާ މީހުންގެ ކިއު ދިގުވުމުގެ ސަބަބުން ކޮންމެ ފަހަރަކު އެ އޮފީހަށް ބިލު ދައްކަން ދާންޖެހުމުން ވިލިމާލޭ ރައްޔިތުންނަށް ދަތިވާ ކަމަށް އޭނާ ބުންޏެވެ.ވިލިމާލޭގައި ބިލު ދެއްކުމަށް އޮންނަނީ ކޮން އުސޫލެއްތޯ ބަލަން އެމްޑަބްލިއުއެސްސީއަށް ގުޅާލުމުން އެތަނުގެ މުވައްޒަފަކު ވެސް މިއަދު ބުނީ، އެތަނުން ބިލަށް ފައިސާ ބަލައިގަންނަނީ ކޮންމެ މަހެއްގެ 10 އިން 20 އަށް ކަމަށެވެ. ނަމަވެސް، ބިލު ދައްކަން އޮންނަ ވަގުތެއް ނުބުނެ އެވެ. އަދި ކޮންމެ މަހެއްގެ އެންމެ ދިހަ ދުވަހު ބިލު ދެއްކޭ ގޮތަށް އޮންނަނީ ކީއްވެތޯ ދެންނެވުންވ ޖަވާބެއް ނުދެ އެވެ.މިކަމާ ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅެއްގެ ބަސް އަދި ވަނީ ލިބޭ ގޮތްނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ