އަތޮޅުތަކަށް ސީޕްލޭންގެ ހިދުމަތްދިނުމަށް ތިން ފަރާތަކުން ޝައުގުވެރިވެއްޖެ

އަތޮޅުތަކަށް ސީޕްލޭންގެ ހިދުމަތް ދިނުމަށް ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ. އަތޮޅުތަކަށް ސީޕްލޭންގެ ހިދުމަތްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް މިއަދު "ހަވީރަށް" ވިދާޅުވީ އަތޮޅުތަކަށް ސީޕްލޭންގެ ހިދުމަތް ދިނުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ތިން ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ. އެއީ ދިވެހި ކުންފުންޏެއް ކަމަށްވާ ގްލޯބަލް ވިއު ޕްރައިވެޓް ލިމިޓެޑާއި ހޮންކޮންގްގެ ޝޯގީ ކެޕިޓަލް އެޗްކޭ ކަމަށް ސާމީ ވިދާޅުވި އެވެ. އަދި ތިން ވަނަ ފަރާތުން އީއޯއައި ހުށަހެޅީ ދެ ކުންފުންޏެއް ގުޅިގެން އެ ހިދުމަތް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ސީޕްލޭންގް ހިދުމަތް ދިނުމުގައި ވާދަވެރި މޯލްޑިވިއަން އެއާޓެކްސީ (އެމްއޭޓީ) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އެވެ. "ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނަން ބީލަން ހުށަހަޅަން. އޭރުން އެ ބޭފުޅުން އެ ހިދުމަތް ދޭން ގަސްދުކުރައްވާ ގޮތް ވެސް އެނގޭނީ،" ސާމީ ވިދާޅުވި އެވެ. އަތޮޅުތަކަށް ސީޕްލޭންގެ ހިދުމަތް ދިނުމަށް ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ގައި އެމްއޭޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި އެވެ. ސާމީ ވިދާޅުވީ އެ އެއްބަސްވުމަކީ އެންމެ ރަނގަޅަށް އަމަލުކުރެވޭނެ އެއްބަސްވުމަކަށް ނުވާތީ އެ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަތޮޅުތަކަށް ސީޕްލޭންގެ ހިދުމަތް ފެށޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. ސީޕްލޭންގެ ހިދުމަތް އަތޮޅުތަކަށް ދޭން ސަރުކާރުން އިއުލާންކުރީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ވިސްނުމުގަ އެވެ. ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތް ދެމުން އަންނ، ޓީއެމްއޭ އާއި އެމްއޭޓީން ވެސް މިހާރު ދަތުރުކުރަނީ ޓޫރިސްޓުން އުފުލުމަށް ހަމައެކަނި ރިސޯޓްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ