ގައުމު ހަމައަކަށް އެޅުވުމަށްޓަކައި ކުރަން ޖެހޭ ދެ ވަނަ މަސައްކަތަކީ ގާނޫނުތައް އިސްލާހުކުރުން: ރައީސް

ގައުމު ހަމައަކަށް އެޅުވުމަށްޓަކައި ކުރަން ޖެހޭ ދެ ވަނަ މަސައްކަތަކީ ގާނޫނުތައް އިސްލާހުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެވެ.
ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހޯރަފުށި ރައްޔިތުންނާ ބައްދަލު ކުރައްވާ ވަހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އަލުން އާފެށުމާއެކު ޤާނޫނުތަކަށް ގެންނަވަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ސިޔާސީ ޕާޓީޓަކުން އެއްބަސްވާ އަދި އިސްކަންދޭ ތަރުތީބަކުން ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
ގައުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ހުރިހާ ފަރާތްތަކަކުންވެސް ޞުލްޙަވެރިވުމަށް ވެސް ރައީސް ވަނީ މިއަދު ގޮވާލައްވާފަ އެވެ. ކޮންމެ ޕާޓީއެއްގައި، ކޮންމެ ކުލައެއްގައި، ކޮންމެ ރަށެއްގައި ތިބި ނަމަވެސް، އަޅުގަނޑުމެން އެންމެންނަކީވެސް ދިވެހި ރައްޔިތުން ކަމަށާއި، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އޮތުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޙައިޘިއްޔަތުން އެމަނިކުފާނު އަދާކުރައްވަންޖެހޭ އެންމެ މުހިންމު ވާޖިބަކީ، ރާއްޖެއަށް ޞުލްޙަވެރިކަމާއި، އެއްބައިވަންތަކަމާއި، ފާގަތިކަމާއި އުފާވެރިކަން ހޯދުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު ގެއްލުން ބޮޑު ޢަމަލުތަކަކީ، އަނިޔާވެރި އަދި ޓެރަރިސްޓް ޢަމަލުތަކެއް ކަމުގައި ސިފަކުރެއްވިއެވެ. އަދި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ހުށަހެޅުއްވުން ލަސްނުކުރައްވައި، އަވަސްކޮށްދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން އެދިވަޑައިގަތެވެ.
ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ވާހަކަ ރައީސް ވަހީދު ވިދާޅުވެ އެކަންކަން އަވަސްކުރުމަށް ޕީޖީގެ އަރިހުން އެދިވަޑައިގެންނެވިއިރު ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ހިނގާދިޔަ ހާދިސާގެ ވާހަކަ ވިދާޅުވެފައިނުވެ އެވެ. އަދި އަށެއް ފެބްރުއަރީ ދުވަހު ސަލާމަތީބާރުތަކުން ހިންގާފައިވާ އަމަލުތަކުގެ ވާހަކަވެސް ވިދާޅުވިކަމެއް މީޑިއާއަށް އެނގިފައެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ